ތިމާވެށީގެ ދުވާހާ ގުޅިގެން ޚާރިޖިއްޔާއިން ފަސްދޮޅަސް ގަސް އިންދައިފި

ހިރި ނިއުސް
ޖޫން 14, 2026

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން 60 ގަސް އިންދައިފިއެވެ. މިގަސްތައް އިންދާފައިވަނީ  ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

”ސިކްސްޓީ ޓްރީސް ފޮރ ސިކްސްޓީ އިޔަރސް“ މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ޙަރަކާތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އެވެ. އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓާޔަރޑް) ޢަލީ ޒުޙައިރާއި، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމުޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ފޮރިން މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތަށް ތާއީދުކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އދ. ގެ މެންބަރުކަން ރާއްޖެ ހޯދިތާ 60 އަހަރު ފުރުންވެސް ފާހަގަކޮށްފައިވެއެވެ.

މި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ދެގޮތެއްނުވެ އޮތް މައި އަސާސެއް ކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު މިހާރުވެސް ކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމާއި އިޤުތިޞާދާއި ސަޤާފަތް ރައްކާތެރިކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުން މުހިންމުކަމުގައި ވިދާޅުވިއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ވިލުންތެރި އަދި ދެމެހެއްޓެނިވި ރާއްޖެއަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޙަރަކާތުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ކަމަނާ ވަނީ މިއަދު އިންދި 60 ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށާއި އަންނަން އޮތް ޖީލުތަކަށްޓަކައި އެންމެންގެ މެދުގައި އޮތް ގުޅިފައިވާ ޒިންމާ ރަމްޒުކޮށްދޭނެ ދިރިހުރި ނިޝާނެއް ކަމަށް ވިދާޅުވެފައެވެ.

މި ޙަރަކާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް ވެސް ވަނީ ތިމާވެށީގެ ރައްކާތެރިކަމާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޙަރަކާތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ މި ޙަރަކާތުގެ ސަބަބުން، ފެހިކަން އިތުރުކުރުމާއި ތިމާވެށްޓާ ރައްޓެހި ޒިންމާދާރު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ބޭރު ދުނިޔޭގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިއްމު ދައުރާމެދު ހޭލުންތެރިކަން އިތުރުކުރެވުނު ކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *