ޑިމޮކްރެޓިކް ޕާޓީން ނިއުޔޯކް މޭޔަރުކަމަށް ނިކުންނަވާފައިވާ ޒަހްރާން މަދްމާނީ ވަނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ޕްރައިމަރީ ގައި ވާދަ ކުރައްވައި ނިއުޔޯކް ގަވަރުނަރު އެންޑްރޫ ކުއޯމޯ ބަލިކުރައްވައި ފުރަތަމަ ބުރުގެ ވޯޓު ކާމިޔާބު ކުރައްވާފައެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައި ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބު ކުރެއްވި ޒަހްރާން މަދްމާނީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުތުރު ބަހުން އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕްގެ އިމިގްރޭޝަން އިދާރާގެ ވެރިޔާ ޓޮމް ހޯމަން ވެސް ވަނީ މަދްމާނީގެ އިމިގްރޭޝަން ސިޔާސަތުތަކަށް އިންޒާރު ދެއްވާފައެވެ.
ބުދަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ”ޓްރޫތު ސޯޝަލް“ ގައި ލިޔުއްވާފައިވަނީ ”ޑިމޮކްރެޓުން ހައްދު ފަހަނަޅައި ހިނގައްޖެ. ބޯ ހަމަނުޖެހޭ ސަތޭކަ ޕަސެންޓް ކޮމިއުނިސްޓް މީހެއްކަމަށްވާ ޒަހްރާން މަދްމާނީ މިހާރު ވަނީ ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބުކޮށްފަ. މީގެކުރިން ވެސް ހައްދުފަހަނައެޅި، ވާތުފިޔައިގެ މީހުންތަކެއް އުޅުނު. އެހެންނަމަވެސް މިހާރު މިކަން މިވަނީ ހައްދުން ނައްޓާފަ.“ ކަމަށެވެ.
މިކަމުގައި އިތުރަށް ލިޔުއްވަމުން ޓްރަމްޕް ގެންގުޅުއްވި ބަސްމަގަކީ، ގުންޑާއިންވެސް އަބުރުވެރިވާން ބޭނުންވެގެން އާންމު ތަންތާގައި ބޭނުން ކުރާނެ ފަދަ ބަސްމަގެއް ނޫނެވެ.
”އޭނާ (މަދްމާނީ) ފެންނަނީ ބިރުވެރި ސިފައެއްގައި. އަޑުވެސް ކުރަކި. އެހާ ތޫނުފުލިއެއްވެސް ނޫން، އަދި އޭނާއަށް އޭ.އޯ.ސީ+3، (ކޮންގްރެސްގެ 3 މެމްބަރުން) ހައްތާވެސް މޮޔައިން. އެ ވަނީ އޭނާއަށް ތާއީދުކޮށްފަ. އަދި އަހަރަމެންގެ ފަލަސްތީނުގެ އިއްޒަތްތެރި ސެނެޓަރު، ރޮއެހަދާ ޗަކް ޝޫމަރު ވެސް އޭނާއަށް ޚުޝާމަދު ކުރަމުން އެބަދުވޭ. މިއީ އަހަރަމެންގެ ތާރީޚުގައި ލައިގަންނަ ބޮޑުކަމެއް“ ޓްރަމްޕްގެ ޓުރުތު ސޯޝަލްގައި ލިޔުއްވިއެވެ. ޓްރަމްޕް މަދުމާނީއަށް މަލާމާތް ކުރެއްވިއިރު ޓްރަމްޕްގެ ދަނބިދަރިއަކަށް ވެވޭ ފަދަ ސިފަތަކެއް އޭނާގެ ކިބައިގައި ހުރިކަމަށް ބެލެވެއެވެ.






