އެމްޑީޕީގައި ހޭދަކުރެއްވި ދުވަސް ތަކުގެ ތެރެއިން އެނގިވަޑައިގެންނެވި ކަމަކީ އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަންޖެހޭކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ”އަޅުގަނޑަށް ފެނުނު މަންޒަރަކީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން ޖެހޭކަން. އެމްޑީޕީ އިންސްޓިޓިއުޓެއްގެ ގޮތުގައި އޮންނަން ޖެހޭކަން،“ ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެހާސް ތޭވީސް ވަނަ އަހަރު އެޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ހިމެނި ވަޑައިގަންނަވާ ގޮތަށް ޕާޓީގެ ވަރުގަދަ ބޭފުޅުންތަކެއް ޕާޓީން ވަކިވެގެން ދިއުމުން ޕާޓީއަށް އައިލޮޅުމުންވެސް މިކަން ވިސްނިވަޑައިގެންނެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން އެނގި ވަޑައިގެންނެވީ ޕާޓީ ވަކި ބައެއްގެ މައްޗަށް ބިނާވެ އޮތުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ. ”އަޅުގަނޑު މިތާހުރީމައެއް ނޫނޭ ޕާޓީއަށް ސަޕޯޓު ލިބެންޖެހޭނީ. ރައީސް ނަޝީދު މިތާ ހުންނެވީމައެއް ނޫން ޕާޓިއަށް ސަޕޯޓު ލިބެންޖެހޭނީ. ރައީސް ސާލިހު ހުންނެވީމައެއް ނޫނޭ ޕާޓީއަށް ސަޕޯޓު ލިބެންޖެހެނީ،“ ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ކުރިން ބިނާވެފައިއޮތީ ރައީސް ނަޝީދުގެ މައްޗަށް އޮތް ތާއީދެއްގެ މައްޗަށް ކަމަށެވެ. ”އެކަންވާނީ ވެސް އެހެން މީގެ ވިހި އަހަރު ކުރިން ގައުމު އޮތް ހާލަތުގައި ކެރިވަޑައިގެން ނުކުންނެވި މަދުބޭފުޅުންގެ ތެރެއިން ލީޑަރޝިޕް ނެންގެވި ބޭފުޅެއް ރައީސް ނަޝީދަކީ. އާންމު ރައްޔިތުންގެ ހިތުގައި ޚާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެންގޮސްފައިވަނީ އޭރުގެ ހާލަތުގައި،“ ފައްޔާޒު ވިދާޅުވިއެވެ. މިފަދަ ކަންކަމުގައި ވިސްނަވަނީ ހިތަކުން ނޫން ކަމަށާއި ބުއްދީގެ ހަމަތަކުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.






