މާލޭ ގެއެއްގައި ބަންދު ކޮށްފައިހުރި މީހަކު ސަލާމަތްކޮށް އޭނާގެ ސިއްހީ ހާލަތު ބެލުމަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ ބަންދުކޮށްފައިހުރީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އެހެނަސް އޭނާ ބަންދުކުރީ ކޮންބައެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
”މާލޭ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމަށް 2025 ޖުލައި ތިންވަނަ ދުވަހުގެ ހެނދުނު 6:00 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްގެން ވަދެ އެމީހާ އެތަނުން ނެރެފައިވޭ. އެއީ ބަނގްލަދޭޝް ފިރިހެނެއް،“ ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހާގެ ސިއްހީ ހާލަތު ދެނެގަތުމަށް މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސް ބަލަންޖެހޭ ކަންކަން ބަލަން ފަށައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ބޭރު ފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފާހަގަވެފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.






