ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރެވޭނީ ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފައިގެން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެހެންކަމުން އެކްޝަން ރިސާޗުގެ ބޭނުން ކުލާސްރޫމުގައި ހިފުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުއްވާ ރިޕޯޓްތަކުގައި ވަރަށް ގިނަ ފަހަރު ވިދާޅުވާ ކަމަށެވެ. އެއީ ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމާ ގުޅިގެން ބައެއް ސުވާލުތައް ވެސް އެމަނިކުފާނު އުފެއްދެވިއެވެ.
”މީގެކުރިން ތަޖުރިބާ ނުކުރާ ކަމެއް ކިޔަވާކުދިން މިހާރު ތަޖުރިބާކުރޭބާ. ދަރިވަރުން ކިޔެވުމަށް މިހާރުވެސް މަސައްކަތްކުރާ މިންވަރަކީ ހަމަކުރިންވެސް މަސައްކަތްކުރި މިންވަރުބާ. އުނގެނުމަށް ކުރިން ފަހިވެފައި ނެތް ފުރުޞަތުތަކެއް މިހާރު އުނގެނުމުގެ މާޙައުލުގައި ފަހިވެފައި އެބައޮތްބާ. ހަމައެއާއެކު އުނގެނުމަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރިމަތިވަމުން ދޭބާ،“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުލާސްރޫމުގައި މުދައްރިސަކީ ދަރިވަރުންގެ އުނގެނުމުގައި ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށެވެ. އުނގަންނައިދިނުމުގެ ހުނަރުތައް މި ޒަމާނުގައި ބޭނުންކުރައްވާ ނަމަ ކުލާސްރޫމުގައި، މުދައްރިސުގެ ޙަރަކާތްތަކަށް ވުރެ ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ގިނަވެގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.
”މުދައްރިސުން މިހާރުވެސް ކިޔަވައިދިނުމުގައި ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި ގޮތްތައްތޯ؟. އަދި ކިޔަވައިދިނުމުގައި މިހާރުވެސް ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި އުކުޅުތައްތޯ؟. އާގޮތްތަކެއް ނުވަ މެތަޑުތަކެއް މިހާރު ބޭނުންކުރައްވަމުތޯ؟ އަދި ޓެކްނޮލޮޖީ ނުވަތަ އައިސީޓީ ކިހާވަރަކަށް ބޭނުންކުރައްވަމުތޯ؟ އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކިހާވަރަކަށް މަސައްކަތްކުރެވޭތޯ؟.“ މުދައްރިސުންނާ މުޚާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.






