އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށައިފި

މުހައްމަދު އަލީ
ޖުލައި 5, 2025

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން (އުސޫލު ނަންބަރު  G-19/2022)  ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ، އައު ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ އަދި ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ ދޫކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް (ޖުލައި 01، 2025) އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި 07، 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިކަމާބެހޭގޮތުން މިނިސްޓްރީން ނެރުނު އިޢުލާނުގައި ވިދާޅުވެފައިވަނީ ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން (30 މޭ 2025 ގައި ގެޒެޓްގައި ޝާއިޢުކުރި) ގެ ދަށުން، ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން، މޭ 30، 2025 ވާ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ވަނީ ގުރުއަތުލުމެއް ބާއްވާފައި ކަމަށެވެ. މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ ބާޠިލުވެ، ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ އުވިގެންގޮސްފައިވާކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި:

  1. އައު ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ އެއް ފަރާތުގެ އައިޑީ ކާޑު ކޮޕީ.
  2. ގޯތި ލިބޭ ފަރާތް/ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ ”ހިޔާވެހި ޕޯޓަލް“ ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ، އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން ބަލައިގަނެވޭނެ).
  3. މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގެ ކޮޕީ.
  4. މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓަރީ“ ގެ ކޮޕީ.

އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގަންނަވާއިރު، އަންނަނިވި ލިޔެކިޔުންތަކުގެ އަސްލު ގެންދެވުމަށްވެސް ވަނީ އަންގާފައެވެ:

  1. ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
  2. ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓްގެ އަސްލު ހިފައިގެން).
  3. މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގެ އަސްލު.
  4. މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓަރީ“ އަސްލު.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 (ފަހެއް) މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވިގެންދާނެ ކަމަށާއި، އެ ޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، ”ހިޔާވެހި ޕޯޓަލް“ އަދި އެސް.އެމް.އެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގަވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ