އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުاللهމުއްޠަލިބު ވިދާޅުވެއްޖެއެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ މި މަޝްރޫއުގެ މަސައްކަތުގެ ޖުމްލަ 88.7 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އޭގެތެރެއިން އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ޢިމާރާތުގެ މަސައްކަތުގެ 83 ޕަސެންޓު ވެސް ވަނީ ނިމިފައެވެ. މީގެއިތުރުން، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ހެންގަރާއި، ކާގޯ ބިލްޑިންގގެ މަސައްކަތުގެ 96 ޕަސެންޓު ވަނީ ނިމިފައެވެ.
މި މަޝްރޫޢަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެށްޓެވި މުހިންމު މަޝްރޫޢެކެވެ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ އުތުރުގެ ސަރަހައްދުގެ ތަރައްޤީއަށް ހުޅުވިގެންދާނެ ބޮޑު ދޮރެއް ކަމަށް ދެ ސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ. މިއީ ސަރަހައްދުގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މަޝްރޫޢު ނިމުމުން، ހަނިމާދޫއަށް ބައިނަލްއަޤްވާމީ ބޮޑެތި ފްލައިޓްތަކަށް ވެސް ޖެއްސޭނެއެވެ. މިއީ އެސަރަހައްދުގެ ރައްޔިތުންނަށް ވެސް އެތައް ފަސޭހައެއް ލިބިގެންދާނޭ ކަމެކެވެ.






