ތަހާވުރު ރާނާ ހުސައިންގެ ތަހުގީގުގައި އައު ވާހަކަތަކެއް

އިބްރާހީމްް ސަމީރު
ޖުލައި 8, 2025

މުމްބާއިގައި ބޮން ގޮއްވާލުމުގައި ތުހުމަތު ކުރެވޭ ތަހާވުރު ރާނާ ހުސައިންގެ ތަހުގީގުގައި އޭނާ އައު ވާހަކަތަކެއް ހާމަކޮށްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. އިންޑިއާ ޓުޑޭ ޓީވީއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނަނީ، މުމްބާއީގައި ހިންގި ބޮން ގޮއްވާލުމުގެ ހަމަލަތައް ރާވައި ހެދުމަށް ތަހާވުރު ރާނާ މުމްބާއިއަށް އައިސް އުޅުނު ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެމެރިކާއިން ތަހުގީގަށް ގެނައި ގޮތަށް ރާނާ މި ވަގުތު ބަހައްޓާފައި ވަނީ ދިއްލީގެ ތިހާރު ޖަލުގައެވެ.

ތަހުގީގު ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ އޭނާގެ އެކުވެރި ޑޭވިޑް ކޯލްމަން ހެޑްލީއާއެކު ޕާކިސްތާނުގައި ހުންނަ ލަޝްކަރޭ ތޮއްޔިބާގެ މަރުކަޒުގައި ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާއާ ޙަވާލާދީ މީޑިއާއިން ބުނެފައި ވަނީ، ލަޝްކަރޭ ތޮއްޔިބާއަކީ، މައިގަނޑު ގޮތެއްގައި ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އާއި ގުޅިފައިވާ ޖާސޫސީ ނެޓްވޯކެއް ކަމަށެވެ.

އިތުރަށް ކިޔައިދިން ވާހަކަ ތަކުގައި ބުނެފައި ވަނީ މުމްބާއީގައި ވިސާ ހޯދައި ދިނުމަށާއި ގައުމުން ބޭރަށް މީހުން ހިޖުރަ ކުރުމަށް އިމިގްރޭޝަން ސެންޓަރެއް ގާއިމް ކުރުމަކީ އޭނާގެ ވިސްނަމުން ދިޔަ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމަކީ އޭނާގެ އިންޑިއާގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފައިސާ ހޯދުމަށް އޭނާ ވިސްނި ކަމެއް ކަމަށްވެސް ބުންޏެވެ.

ރާނާ އިތުރަށް ކިޔައިދެމުން އޭނާ ބުނެފައި ވަނީ މުމްބާއީގެ ހަމަލަތައް ދިނުމުގެ ކުރިން އޭނާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް ޓާމިނަސް ފަދަ މުހިންމު ތަންތަން އިންސްޕެކްޓް ކުރިކަމަށެވެ. މިއީ މުމްބާއީގެ މުހިންމު ދެ ރޭލް ސޓޭޝަންގެ ތެރޭން އެއް ސްޓޭޝަނެވެ.

ގަލްފް ހަނގުރާމައިގެ ދުވަސްވރު ޕާކިސްތާން ސިފައިން އޭނާ ސައޫދީ އަރަބިއްޔާއަށް ފޮނުވައިދިން ކަމަށްވެސް ކިޔައި ދިންކަމަށް ވެއެވެ.

ރާނާ އިންޑިއާއަށް ތަހުގީގަށް ގެނައުމަށް އިންޑިއާއިން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެމެރިކާގެ ކޯޓު ސިސްޓަމްގައި ތާށިވެ އޭނާ ނުގެނެވި ލަސްވެގެން ދިޔައީއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން އޭނާގެ އިލްތިމާސް ބާޠިލު ކުރުމުން 2025 ވަނަ އަހަރުގެ މެއި މަހު އިންޑިއާއަށް އޭނާ ތަހުގީގަށް ގެނެވޭ ގޮތް ވެގެން ދިޔައީއެވެ. އުމުރުން 64 އަހަރުގެ ޕާކިސްތާނުގެ ނަސްލުގެ ކެނެޑާގެ ރައްޔިތުކަން ހޯދާފައިވާ ރާނާގެ މައްޗަށް އިންޑިއާއިން ތުހުމަތު ކުރަނީ، ޓެރަރިސްޓް ހަމަލަތައް ދިނުމަށް ރޭވިކަމަށާއި މީހުން މެރުމަށް ހަމަލަ ދިނުމަށް އެހީތެރިވެދީ  ފައިސާދިން ކަމަށެވެ.

ރާނާގެ ބަންދުގެ މުއްދަތު ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ޕާކިސްތާނުން އައި ޓެރަރިސްޓުން މުމްބާއީއަށް ދީފައިވާ ހަމަލާތަކުގައި މުމްބާއީގެ ތާޖު ހޮޓެލާއި ނަރިމަން ޕޮއިންޓް ކައިރީގައި ހުރި އެހެން ތަންތަނަށް އަމާޒުކޮށްގެން 60 ގަޑިއިރުގެ ހަމަލަތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އެ ހަމަލާގައި 166 މީހުން މަރުވެފައިވެ އެވެ.

މި ލިޔުމާ ގުޅޭ