ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެކުރަން ހުއްދައެއް ނަގަންޖެހޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.
އައު އުސޫލުގެ ދަށުން އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެނަސް ދެފުރޮޅުލީ އެއްގަމު އުޅަނދު ހުއްދަ ނުނަގައި އަދިވެސް އެތެރެ ކުރެވޭނެއެވެ.
މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދެއްގެ ދަށުން ހިންގުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިފަދަ އުޅަނދުފަހަރު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މި އާ ގަވާއިދުގެ ދަށުން، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަހުން ދިވެހިރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”ވީމާ، އާއްމު ރައްޔިތުންނާއި، އުޅަނދު އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.“






