މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ’ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް؛ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ދާޚިލީ ވަޒީރު އަލީ އިހްސާން ހުޅުވައި ދެއްވައިފިއެވެ.
’ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް‘ އަކީ މުޅިން އަލަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އުފެއްދި ކޮމާންޑެކެވެ. މި ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ކަރެކްޝަންނުނ ވަނީ ބުނެފައެވެ.
ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ޤާއިމުކުރެވުނު ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި މި ސަރވިސްގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓަރ ކުރެވޭ ރޫމްއެއް އެކުލެވިގެންވެއެވެ. އެގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯރކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ ބޭނުންކުރަނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ. މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެކެވެ. އަދި މުސްތަގްބަލްގައި މިސިސްޓަމްއަށް AI އިންޓަރގުރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެއެވެ.






