މިނިސްޓަރ ޝިޔާމް/ފޮޓޯ ޕީއެންސީ

ލަންކާއަކީ މަސްވެރިކަމުގައި އިތުބާރު ހިފޭ ގައުމެއް

މުހައްމަދު އަލީ
ޖުލައި 29, 2025

މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސްރީލަންކާއަކީ މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި އިތުބާރު ހިފޭ ގައުމެއް ކަމަށެވެ. ޚާއްޞަކޮށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގައި ރާއްޖޭގެ ގާތް އަދި ދިގު މުއްދަތެއް ވަންދެން އެކުގައި މަސައްކަތްކޮށް އިތުބާރުހިފޭ ބައިވެރިއެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ސްރީލަންކާއާއި ރާއްޖެއާ ދެ ގައުމު ގުޅިގެން މިސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކޮށް، އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ މަޞްލަޙަތުތަކަށް ވަކާލާތުކޮށްފައިވާ ކަމަށްވެސް  ވިދާޅުވެފައިވެއެވެ.

ދެ ޤައުމުގެ މެދުގައި ސަރަޙައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައިވެސް ވަރުގަދަ ގުޅުމެއް އޮންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މެރިކަލްޗަރ ދާއިރާއާއި، އަދި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ތަރައްޤީ ފަދަ އައު ދާއިރާތަކުގައި ގުޅިގެން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުރިކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިންޑިއާ ކަނޑުގެ ކުރިއެރުމަށްޓަކައި ސްރީ ލަންކާއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ