ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އާފަލެއްގެ އަގު ދިހަރުފިޔާއަށް އަރައިފި ކަމަށެވެ. ފިޔާ ކިލޯއެއްގެ އަގު ހުރީ ފަންސާސް ރުފިޔާއިން މަތީގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”ކާބޯތަކެއްޗަށް ދަތިވެއްޖެ، ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލިއްޖެ، ޑޮލަރުގެ އަގު ހުރީ 20.20ރ އިން މަތީގައި. ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.
މިހާލަތަށް ދިޔައިރު ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ. މި ހާލަތަށް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތް. މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްއިން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާނެ ގޮތެއްނުވި،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.
ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ކަމާބެހޭ މީހުން ފިލީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމްއެމްއޭއިން ޖަވާބު ނުދޭތާނގާ ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއް ކަމަށާއި، މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ބޭނުން ސަރުކާރެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. ”އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން، ރުފިޔާގެ އަގު ދަށަށް ދިޔައީ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް،“






