ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް

މުހައްމަދު އަލީ
އޯގަސްޓް 24, 2025

ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ:

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު މއ. ފީރޯޒްވާދީއާއި، އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން، މުޙައްމަދު މަޢުރޫފް ޖަމީލް މ. ދޫރެސްއާއި، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ އެވެ.

މީގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅުންނާއި ކުންފުންޏަކަށް ވަނީ ދެއްވައިފައެވެ. 1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން:
ޙުސްނާ ފަހްމީ މ. އަފްޒާ

2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:
ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ

3- ޞިއްޙީ ދާއިރާއިން ޞިއްޙީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން
ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު ފިނިފެންމާގެ، ފ.ނިލަންދޫ

4- ޞިއްޙީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން
ޢާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ

5- އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން
ފާޠިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު

6- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން
އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ

7- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ

8- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން
ޢަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ

9- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން
މުޙައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ

10- އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން
ޒަހިއްޔާ މުޙައްމަދު މުރީދުގެ، އއ. އުކުޅަސް

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

 

މި ލިޔުމާ ގުޅޭ