މިނިވަންކަން ގުޅިފައިވަނީ ފަރުދުންގެ މެދުގައި އިހުތިރާމުގެ މައްޗަށް: ރައީސް

މުހައްމަދު އަލީ
އޯގަސްޓް 24, 2025

މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީދުވަހާ ގުޅިގެން ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޙަޤީޤީ ޤައުމިއްޔަތަކީ ކޮބައިކަމާއި، ޤައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

ޤައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށާއި، ނަމަވެސް ޙަޤީޤީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ. ހިތުގައި ޤައުމިއްޔަތު އާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މި ކަމުގައި އަދުގެ ޒުވާނުންގެ ވެސް ޒިންމާއެއް އޮންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން، އެ ގޮތުގައި ކުރިއަށް ދިއުމަކީ އެންމެ ފައިދާ ބޮޑުގޮތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްޤީ ލިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައެވެ.

ކޮންމެ މީހަކީވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއްކަން ފާހަގަކުރައްވައި، އެ ފަދައިން ޢަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއަދު ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ދިވެއްސަކީވެސް، ޤައުމުގެ އަބުޠާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ތަރައްޤީވެފައިވާ، އަމާން އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ