ހދ.ނޮޅިވަރަންފަރު ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންނާ ހަވާލުކޮށްފިއެވެ. އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެއެވެ. ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމެވެ.
އެކުންފުންޏާ މި މަސައްކަތް ހަވާލު ކުރެއްވީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ އަގަކީ 11,478,896.88 ރުފިޔާއެވެ.
މިޕްރޮޖެކްޓުގެ ދަށުން ނަރސް ސްޓޭޝަނެއް ހިމެނޭގޮތަށް، ވޯޑް، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖަކާއި ގުދަނެއް ހެދިގެން ދާނެއެވެ.






