މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް ފާސްކުރަން މާދަމާ ޖަލްސާއެއް ބާއްވަނީ

ޟަމްރަތު އަހްމަދު
ސެޕްޓެމްބަރ 15, 2025

ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުން ދަނިކޮށް، ދައުރުން ބޭރުން މަޖިލީހަށް ބަަލައިގަނެފައިވާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

މަޖިލިސް އިދާރާއިން ބުނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށްއެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއްބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމ،ަ އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެގޮތް ހަމަޖައްސައި އެޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެކަމަށް މަޖިލިސްއިދާރާއިން ބުނެފައިވެއެވެ.

މަޖިލިސް އިދާރާއިން ބުނީ، އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ އެ ޖަލްސާއަކީ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ފާސްކުރަން ބާއްވާ ޖަލްސާއެއް ކަމަށެވެ.

ދައުރުން ބޭރުން މަޖިލީހުގެ ދެ ޖަލްސާއެއް މިއަދުވެސް ބޭއްވިއެވެ.

މިއަދު މެންދުރު ކުރީގައި ބޭއްވި ޖަލްސާގައި އޮތީ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމުގެ މަގާމަށާއި، ނާއިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށާއި، ހިދުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނާއިބު ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލިހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމުގައި އިއުލާންކޮށް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި، ”ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު“ގެ ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅައި ބަހުސްކޮށް އެ ބިލް ފާސްކުރުމެވެ.

މެންދުރުފަހު 1:00 ގައި ބޭއްވި ޖަލްސާގައި އޮތީ، ސީއެސްސީގެ ރައީސް ކަމާއި ނާއިބުރައީސްކަމަށާއި، އެޗްއާރުއީއެމްގެ ނާއިބުރައީސްކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫެރިއްޔާ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓަށް ވޯޓު އަހައި ފާސްކުރުމެވެ.

މި ލިޔުމާ ގުޅޭ