ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި އެންމެން އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ވަނީ، ޑްރަގްސް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އޮބްރާހިމް އާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި އެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން އެކުއްޖާގެ މައްވށް ދައުވާ، ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި މަސަަލަތަކުގައި، ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލީ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.
ދައުވާގައި ހުކުމް އިއްވާފައި މިވަނީ، މައްސަލައިގެ އަޑުއެހުމަށް ޝަހީބު ހާޒިރުނުވެގެން މިދިޔަ ހަފުތާގައި ފުލުހނުް އާއްމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްގެންނެވެ.
މި މައްސަލައިގައި އޭނާ ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރިއެެވެ.






