ފެނަކަ ހިޔާނާތް: އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ހޯދައިދޭންޖެހޭނެ

މުހައްމަދު އަލީ
ސެޕްޓެމްބަރ 27, 2025

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި، އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، އެ މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ކޮރަޕްޝަނާއި، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލަ ފާހަގަކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، އޭރު އޮތް އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދިޔަ މައްސަލަ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ.

”ނަމަވެސް އެމްޑީޕީ ސަރުކާރުން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވެސް އަދި މިނިވަން މުއައްސަސާއަކުންވެސް އަޅައެއްނުލި،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފެނަކައިގެ އޭރުގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ ކަމަށެވެ. ”ވަރަށްގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާ އަރަމުން،“ މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާދުވަހު އެ މައްސަލައަށް އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓް ނެރެފައިވާއިރު، އެ ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.

މި ލިޔުމާ ގުޅޭ