ޕާކިސްތާނު ސަރުކާރުން ބޭރު ކުންފުނިތަކުގެ އިންވެސްޓްމެންޓްތަކަށް ދައްކަން ޖެހޭ ޓެކްސް ރިފަންޑް ދެއްކުން އަވަސް ކުރުމަށް އެ ސިނާއަތުގެ މައި އިދާރާއިން ގޮވާލައިފިއެވެ.
އޯވަރސީސް އިންވެސްޓަރސް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އޯއައިސީސީއައި) އިން ޕާކިސްތާނުގެ ފެޑެރަލް ބޯޑް އޮފް ރެވެނިއު (އެފްބީއާރު) އަށް ގޮވާލާފައިވަނީ 96.6 ބިލިއަން ރުފިޔާގެ ޓެކްސް ރިފަންޑް އަވަހަށް ދޫކުރުމަށެވެ. މީގެ ތެރޭގައި 62.2 ބިލިއަން ރުފިޔާގެ އާމްދަނީ ޓެކްސް އަދި 34.4 ބިލިއަން ރުފިޔާގެ ވިޔަފާރި ޓެކްސްގެ ރިފަންޑް ހިމެނެއެވެ.
އޯއައިސީސީއައި އަކީ 200 އަށްވުރެ ގިނަ ބޭރުގެ ކުންފުނިތައް ތަމްސީލުކުރާ ޖަމްޢިއްޔާއެކެވެ. މި ކުންފުނިތަކުގެ ތެރޭގައި ކެ-އިލެކްޓްރިކް އަދި އެހެނިހެން ބޮޑެތި އިންޑަސްޓްރިއަލް ކުންފުނިތައް ހިމެނެއެވެ. މި ކުންފުނިތަކުން ދުވާލަކު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާގެ ޓެކްސް ދައްކަމުންދެއެވެ.
ޓެކްސް ރިފަންޑް ލަސްވުމުގެ ސަބަބުން ވިޔަފާރިތަކުގެ ކުރިމަގުގެ ރޭވުންތަކަށް ހުރަސްއެޅި، ބައިނަލްއަޤްވާމީ ފެންވަރުގައި ޕާކިސްތާނުގެ އިމޭޖަށް އަސަރުކުރަމުންދާކަމަށް އޯއައިސީސީއައި އިން ފާހަގަކުރެއެވެ. އަދި ޕްރޮކްޓަރ އެންޑް ގެމްބަލް ފަދަ ބޮޑެތި ކުންފުނިތައް ޕާކިސްތާނުން ބޭރުވެފައިވާކަމީ މިކަމުގެ ނުރަނގަޅު އަސަރުތަކުގެ ހެއްކެއް ކަމަށްވެސް ބުނެފައި ވެއެވެ.
އެފްބީއާރުގެ އޮޓޮމޭޝަން އަދި ޑޮކިއުމެންޓޭޝަން ޕްރޮސެސްތަކަށް ކުރިއެރުން ލިބިފައިވީ ނަމަވެސް، ސިޔާސަތުތަކުގެ ފެންވަރުގައި ހުރި މައްސަލަތަކުގެ ސަބަބުން ރިފަންޑް ދޫކުރުން ލަސްވަމުންދާކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. އޯއައިސީސީއައި އިން ވަނީ އެފްބީއާރު އާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން އަންގާފައެވެ.






