އައްޑޫ ވޯޓުލާމީހުންގެ ރަޖިސްޓްރީ އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފި

މުހައްމަދު އަލީ
އޮކްޓޯބަރ 11, 2025

އައްޑޫ ސިޓީ ކައުންސިލް އެކުލެވޭނެ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމުވޯޓުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، އެ ވޯގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ، މިއަދުން ފެށިގެން އެ ކޮމިޝަންގެ ވެބްސައިޓާއި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ އަވައްތަކުގެ އޮފީސްތަކުގައި އާއްމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މި ރެޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުންފެށީގެން މާދަމާ މެންދުނު ފަހު 3:00 ގެ ނިޔަލަށް ކަމަށްވެސް ބުނެފަިެވއެވެ.

ޝަކުވާ ބަލައިގަތުމަށް ހަަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި، ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި އެ ކޮމިޝަންގެ އިދާާރާއިން ލިބެން ހުންނާނެ ކަމަށާއި، ޝަކުވާހުށަހަޅާނީ ކޮމިޝަންގެ އީމެއލް އެޑްރެހަށް ފޮނުވައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވޭނެ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް 18 ވޯޓު ފޮށި، އައްްޑޫ ސިޓީގެ ތިން ރަށެއްގައި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވަޏީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ މެދު އައްޑޫ ސިޓީ ހުޅުދޫއާއި މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހުގެ ހަ ވަނަ ދުވަހު ގަރާރެއް ނެރުއްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ މެދު، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު، މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ ނިންމާފައެވެ.

ޒާހިދު މީގެ ކުރިން ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ނަގާ ތާރީހީ ވޯޓުގައި، އައްޑޫ ފޭދޫ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ، މި ތިން ރަށުގައި 11 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށާއި މާލޭގައި ބަހައްޓާނީ ހަތް ވޯޓު ފޮށި ކަމަށެވެ.

ފޭދޫގައި ފަސް ފޮށި، ހުޅުދޫގައި ތިން ފޮށީގެ އިތުރުން މީދޫގައި ވެސް ތިން ފޮށި ބަހައްޓަން ހަމަޖެހިފައިވެއެވެ. މާލޭގައި ދިރިއުޅޭ އެ ތިން ރަށަށް ނިސްބަތްވާ މީހުން ވޯޓުލުމަށް، ފޭދޫ ރައްޔިތުން ވޯޓުލާން ތިން ފޮށި، ހުޅުދޫ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ ތިން ފޮށީ އަދި މީދޫގެ ރައްޔިތުން ވޯޓުލުމަށް އެއް ފޮށި ބަހައްޓާނެ ކަމަށެވެ.

އެ ވޯޓު ނަގަން ހަމަޖެހިފައިވަނީ، މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގައި ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.

ވޯޓު ކަރުދާހުގައި ތިން ރަށުގެ މީހުންނާ ކުރަން ނިންމާފައިވާ ސުވާލުތައް:

އައްޑޫ ހުޅުދޫ ރައްޔިތުންނަށް ހާއްސަ ސުވާލު:

ފުރަތަމަ ސުވާލު: އައްޑޫއަތޮޅުު ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑޫ އަތޮޅު ހުޅުދޫ ކައުންސިލު އުފައްދަން ފެނޭ ހެއްޔެވެ؟

ދެވަނަ ސުވާލު: އައްޑޫ އަތޮޅު ހުޅުދޫ އާއި އައްޑޫމީދޫ އެއްކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއްކައުންސިލެއް އުފައްދަން ފެނޭހެއްޔެވެ؟

އައްޑޫ މީދޫ ރައްޔިތުންނަށް ހާއްސަ ސުވާލު:

ފުރަތަމަ ސުވާލު: މީދޫއަށް ހާއްސަކުރެވިގެން އައްޑޫމީދޫ ކައުންސިލު އުފައްދަން ފެނޭހެއްޔެވެ؟

ދެވަނަ ސުވާލު: އައްޑޫމީދޫއާއި އައްޑޫ އަތޮޅު ހުޅުދޫ އެއްކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއްކައުންސިލެއް އުފައްދަން ފެނޭހެއްޔެވެ؟

”މި ދެ ސުވާލަށް ޖަވާބުދޭން ދެ ކަރުދާސްކޮޅު ވަކިން ދޭނީ. އައްޑޫ އަތޮޅު ހުޅުދޫގައާއި އައްޑޫ މީދޫގައި. އާނއެކޭ ނުވަތަ ނޫނެކޭ ވިދާޅުވާން ޖެހޭނީ. އައްޑޫ ފޭދުގައި ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ސުވާލެއް. އައްޑޫ ފޭދޫއަށް ހާއްސަކުރެވިގެން އައްޑޫ ފޭދޫ ކައުންސިލު އުފައްދަން ފެނޭހެއްޔެވެ؟“ އީސީގެ ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ