މައުރޫފް

"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި މީހުންނާ ބެހޭ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

މުހައްމަދު އަލީ
އޮކްޓޯބަރ 13, 2025

މިމަހުގެ ތިންވަނަދުވަހު، ”ލޫޓުވައިފި ލޫޓުވައިފި“ ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މެންބަރުންނާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިނެވެ.

އެ ކުއްލި މައްސަލަ ހުށަހަޅަން އޮތީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.

އެ ކުއްލި މައްސަލައާ ބެހޭގޮތުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ ކުއްލި މައްސަލައަކީ މަޖިލިސް ގަވާއިދުގެ 197 ވަނަ މާއްދާގައިވާ ޝަރުތުތައް ހަމަވާ މައްސަލައެއްނޫން ކަަމށެވެ.

ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް ގަވާއިދުގައި ބަޔާން ކުރާއިރު، އެ ކުއްލި މައްސަލައިގައި ”ބަންދުގައި ތިބި މީހުންނަށް“ ޖިސްމާނީގޮތުން އެކި ވަރުގެ ހާނިއްކަ ކޮށްފައިވާކަަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެމީހުންގެ އަސާސީ ހައްގުތައް ފުރިހަަމަ ނުކޮށްދޭ ކަމަށާއި، އެމީހުންނަށް ޖިސްމާނީގޮތުން ހާނިއްކަވެފައިވާ ކަމަށާއި، އެއްހަފްތާއަށްވުރެ ގިނަދުވަސް ފަރުވާނުދީ ގަސްތުގައި ލަސްކޮށްފައިވާކަން ހާމަވާ ކަމަށާއި، އެމީހުންގެ ތެރެއިން ދާއިމި ބަލިތަކަށް ބޭސްކަމުންދާ މީހުންނަށް އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ލަސްކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަަމަވެސް އެއީ ހަގީގަތެއްކަން އެ މައްސަލައިގައި މެންބަރަށް ދައްކައިދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ދަށުން، ކުއްލި މައްސަލައިގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތްކަން ކަށަވަރު ކުރުމަކީ އެ ކުއްލި މައްސަލަ ހުށަހަޅުއްވާ މެންބަރު ކުރަންވަންޖެހޭކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުއްލި މައްސަލައެއްގައި ހަމަވަންޖެހޭ ޝަރުތުތައް ފުރިހަމަނުވާތީ އެ މައްސަލަ ހުށަހަޅަން ފުރުސަތު ދެވެން ނެތް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އެ ވާހަކަތަކާ ގުޅިގެން، ނިޒާމީ މައްސަލަ ނަންގަވައި މެންބަރު ޒާކިރު ވިދާޅުވީ، ކުއްލި މައްސަލައާ ގުޅިގެން މަޖިލީހަށް ހެކި ހުށަހަޅަން މަޖިލިސް ގަވާއިދުގައި ނޯންނަ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސަތުން ކަންކަން ކުރައްވަމުންދަނީ މަޖިލިސް ގަވާއިދާ އެއްގޮތަށް ކަަމށެވެ.

މި ލިޔުމާ ގުޅޭ