ގޮއިދޫ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ

މުހައްމަދު އަލީ
އޮކްޓޯބަރ 13, 2025

ށ. ގޮއިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވާނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގޮއިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ. އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ ލަސްވެގެން އަންނަ މަސް ތެރޭގައި އެމަސއްކަތް ބަޔަކާ ހަވާކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ގޮއިދޫގައި ސަރުކާރުން ބިނާކުރާ ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ ދިހަ ވޯޑުއެނދު ހިމެނޭ އިމާރާތެކެވެ. އަދި ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމްތައް ވެސް ހިމޭނޭނެއެވެ. ޖުމްލަ، ވިހި އެނދު އެ މަރުކަޒު ނިމޭއިރު ހުންނާނެއެވެ.

ރައީސް ވިދާޅުވީ އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގޮއިދޫ ސްކޫލްގެ މަޝްރޫއު ނިންމައި ޙަވާލުކޮށްދެއްވާނޭ ކަމަށެވެ. އެގޮތުން ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަމަށާއި ދިގުލައިގެންގޮސްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފެނަކައިން މި މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފަށާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް އެރުށުގައި އަޅުއްވައިދެއްވާނޭ ކަމަށެވެ. އަދި ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅުއްވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ