މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެއްކެއެވެ.
ޑަބްލިޔުއެޗުއޯއިން މިކަން ހާމަކުރެއްވުމުން ރާއްޖެ މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ސިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ މި ތާރީޚީ ކާމިޔާބު ހޯދި ފުރަތަމަ ގައުމުކަމުގައި ބަޔާންކުރައްވައި، ވަރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ހީއްސާ ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ހޯދި ތާރީޚީ ކާމިޔާބަކީ ޑަބްލިއު.އެޗް.އޯއިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަކުރައްވާފައިވެއެވެ. މިއީ އާންމު ސިއްޙަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިއީ ސަރުކާރާއި، ސިއްޙީ ދާއިރާގެ ޕްރައިވެޓް ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.






