ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު ޢަބްދުލްލަޠީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ޑރ. ޚަލީލް މިހާރު މިޞްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
ބައްދަލުވުން ބާއްވައިފައިވަނީ ތަޙްރީރު ޕެލެސްގައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު ޒަމާންވީ އަޚްވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން ވަނީ ވާހަކަ ދައްކަވައިފައެވެ. ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް ވެސް މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާ ކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ޑރ. ޚަލީލް ވަނީ ފާހަގަ ކުރައްވައިފައެވެ. ޚާއްސަކޮށް މިޞްރުގެ އަލް-އަޒްހަރު ޔުނިވާރސިޓީން ފޯރުކޮށްދެއްވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށްޓަކައި ދިވެހި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ މިޞްރު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވައިފައެވެ.
އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އޭގެ އިތުރުން އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްޙީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް ވަޒީރު ޑރ. ޚަލީލު، މިޞުރުގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުންވެސް ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވި ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިޞްރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ.






