ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅު ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ހަވީރު، 05:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުނީކަމަށެވެ. 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި އެއްވަސް ވަރަކަށް ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ރަށްރަށުގެ މީހުން ފުލުހުންގެ ޚިދުމަތަށް ބަރޯސާވާން ޖެހިފައި ތިބީ އަވަށްޓެރި ރަށްރަށަށް ކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެނީ، އެންމެ 17 ރަށެއްގައި ކަމަށާއި، އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތި އުނދަގޫތައް ކުރިމަތިވަމުންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި އަހަރު ނިމޭއިރު، 130 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވެ، މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި، ޤާއިމުވެ ތިބެ، ފުލުހުން ޚިދުމަތްދެމުން ގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވެވުއެވެ.






