ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކުމަށް ކަމަށް ބުނެ ސަރުކާރުން ހިންގަމުންދަނީ ހަ ސަތޭކަ މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިއަށްވުރެ ބޮޑުކަމެއް ރައްޔިތުންނަށް ދިމާނުވާނޭ ކަމަށެވެ. މިސަރުކާރު ނައިނަމަ އެމްޑީޕީ ސަރުކާރުން ކަނޑައެޅި ހުރިހާ ބޯހިޔާވަހިކަމެއް ހުންނާނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ އިގްތިސާދީ ހަލާތާއި ދަރަނީގެ ނިސްބަތުގައި ހަސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެއީ ކުރަން އެކަށީގެންވާ ވަރުގެ ކަމެއްނޫން. އެމްޑީޕީން ފަށާފައިވާ ގުޅީފަޅާއި އުތުރުތިލަފަޅާއި ގިރާވަރުފަޅާއި، ހުޅުމާލެ ފޭސް ތިނެއް ހިއްކައި އެސަރަހައްދުތަކުގެ މަގުހަދައި، ފެނާއި ނަރުދަމާއަޅައި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވަނީ ގާތްގަނޑަކަށް ތިންސަތޭކަ މިލިއަނެއްހާ ޑޮލަރު،“ އޭނާ ވިދާޅުވިއެވެ.
ތިންސަތޭކަ މިލިއަނެއްހާ ޑޮލަރު ޚަރަދުކޮށްގެން ދިވެހިރާއްޖޭގެ އެތައްހާސް ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވި އުފާވެރި ދިރިއުޅުމަކަށް މަގުފަހިވުމުގެ ފުރުސަތު އޮއްވާ އެކަން ބޮލާލާޖަހައި ހަސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ސަރުކާރުން ހިންގަނީ ބޮޑުޖަރީމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.






