ހުޅުދު އާއި މީދޫން ނިންމީ ވަކި ކައުންސިލެއް އުފައްދަން

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 25, 2025

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ހުޅުދޫ އާއި މީދޫން ވަކި ކައުންސިލެއް އުފައްދަން ނިންމައިފިއެވެ.

މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫގެ ބޮޑު އިންސައްތައެއްގެ ރައްޔިތުން ވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުދީފައެވެ.

ހުޅުދޫގައި ހަ ފޮށި ވެސް ގުނައި ނިމިފައިވާ އިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 720 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 67.29 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އެއީ 30.37 ޕަސަންޓު މީހުންނެވެ.

މީދޫގެ ހަތަރު ފޮށި ވެސް ގުނައި ނިމިފައިވާ އިރު، މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 841 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 83.93 ޕަސަންޓު މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. އެއީ 14.37 ޕަސަންޓު މީހުންނެވެ.

ފޭދޫ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށެވެ. ފޭދޫގެ އަށް ފޮށި ވެސް މިހާރު ގުނައި ނިމިފައިވާ އިރު، ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 73.61 ޕަސަންޓު މީހުންނެވެ. އަދި ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 ޕަސަންޓު މީހުންނެވެ.

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވެއެވެ. މާނައަކީ ވޯޓުލުމުގެ ހައްގު 9،721 މީހަކަށް ލިބިގެންވުމެވެ.

މި އިންތިހާބުގައި ވޯޓުލުމަށް މާލެއާއި އައްޑޫގެ ތިން ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި، ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށު މީހުން ވޯޓުލުމަށް ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ޖުމުލަ 18 ވޯޓު ފޮއްޓެވެ.

ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ