ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އެމްޑީއޭ ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގެ އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ކުންފުންޏަށް ސަރުކާރުން ދޫކުރި، ނ. މިނާވަރުގެ އެއްބަސްވުން ބާތިލުކުރަން، އެގްރިކަލްޗާ މިނިސްޓްރީން ފޮނުވި ސިޓީއަށް އަމަލު ނުކުރަން ކުރި އަމުރު ބާތިލުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިނާވަރަކީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް އަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި މިނާވަރު މޮނިޓާ ކުރުމަށް މިނިސްޓްރީ އިން ކުރި ދަތުރުގައި ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައި ވާގޮތަށް އެރަށުގައި ސިޔާމްގެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާކަން އެ ދަތުރުގައި ހެދި، ދަތުރު ރިޕޯޓުން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން އެއްބަސްވުމުގައި ވާގޮތަށް މަސައްކަތް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ މުއްދަތެއް އިމްޕެކްސްއަށް ދިނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސްފި ނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށް އިމްޕެކްސްއަށް ނޯޓިހެއް ފޮނުވިއެވެ.
މި ނޯޓިހާ ގުޅިގެން އިމްޕެކްސް އިން ހަމަ އެދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.
މޮނިޓަރިން ދަތުރުގެ ރިޕޯޓް މިނިސްޓްރީން އިމްޕެކްސްއާ ހިއްސާކޮށްފައި ނުވާ ކަމަށް މި ސިޓީގައި ފާހަގަ ކުރިއެވެ. އަދި އޭރު ހިނގަމުންދަނީ ރަމަލާން މަހުގެ ދުވަސްތައް ކަމަށްވާތީ އާއި މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ކޮންސަލްޓަންޓުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދެވޭނޭ ކަންކަމަށް ވުމުން، މިނިސްޓްރީއިން ފޮނުވި ނޯޓިހުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަމަޖައްސައިދިނުމަށް އެދުނެވެ.
އެކަމާ ގުޅިގެން މިނިސްޓްރީއިން ދީފައިވާ ނޯޓިހުގައި ބަޔާންކުރާ ގޮތަށް، މިނާވަރުގެ ވޯކް ޕްލޭނާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ބުނެ މިދިޔަ މެއި މަހުގެ ފަހެއްގައި އެއްބަސްވުން ބާތިލްވެއްޖެ ކަަމަށް މިނިސްޓްރީން އިމްޕެކްސްއަށް އެންގިއެވެ.
އެއާއެކު އެ ރަށުގައި ހުރި އިމްޕެކްސްގެ އުފުލޭ މުދާ 14 ދުވަހުގެ ތެރޭގައި ރަށުން ގެންގޮސް އެކަން މިނިސްޓްރީއަށް އެންގުމަށާއި އެ މުއްދަތުގެ ތެރޭގައި އެމުދާ ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެއްޗަކީ ދައުލަތުގެ މުދާކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށް، އެގޮތަށް ދޫކޮށްލާ މުދަލުގެ ބަދަލު ލިބި ނުދެވޭނެކަން ވެސް އެންގިއެވެ. އަދި އެ ރަށުގެ ފަސްގަނޑުގައި އިންދާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމާއި ނެގުންފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީއިން އެންގިއެވެ.
މި މައްސަލައާ ގުޅިގެން އެކަންކަން އަންގައި އިމްޕެކްސްއަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކޮއްދިނުމަށާއި މިކަމާ ގުޅިގެން އިމްޕެކްސްއިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކިގޮތެއް ކަނޑައަޅަންދެން ”ނ.މިނާވަރު“ ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަމުން ގެންދިއުމަށާއި މި މައްސަލައިގައި އިމްޕެކްސް އިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ”ނ.މިނާވަރު“ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގައި މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު އިމްޕެކްސްއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މިކަމާ ގުޅިގެން ”ނ.މިނާވަރު“ ކުއްޔަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ބުނެ އެގްރިކަލްޗާ މިނިސްޓްރީން ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސް ކުރުމަށް ސިވިލް ކޯޓުން އެ މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.
އަދި މިކަމާ ގުޅިގެން އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ”ނ.މިނާވަރު“ ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަމުން ގެންދިއުމަށާއި އެރަށުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީ އަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި އެ މުއްދަތުގައި ދައުވާ ހުށަނާޅައިފި ނަމަ، މިއަމުރު ބާތިލްވާނެ ކަމަށް އިމްޕެކްސް އަންގައި، އެ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިފިނަމަ، ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން މިވަގުތީ އަމުރު މުރާޖައާކޮށް ވަކި ގޮތެއް ކަނޑައަޅަންދެން މިއަމުރު ދެމި އޮންނާނެ ކަމަށް ވެސް ކޯޓުން ވަނީ އަންގައިފައެވެ.
ސިވިލް ކޯޓުގެ މި އަމުރަކީ ގާނޫނީ ހަމަތަކާ ހިލާފް އަމުރެއް ކަމަށް ބުނެ ދައުލަތުން މިއަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އޯގަސްޓްމަހުގެ 21 ވަނަ ދުވަހު ހުކުމް ކުރީ ސިވިލް ކޯޓުގެ އަމުރު ބާތިލް ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ނަަމަވެސް ހައިކޯޓުގެ މި ނިންމުމާމެދުވެސް ހިންހަމަނުޖެހިގެން އެ ހުކުމް ބާތިލްކޮށްދިނުމަށްއެދި ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.






