އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް: ނިޒާރު

މުހައްމަދު އަލީ
އޮކްޓޯބަރ 25, 2025

އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވެފައިވަނީ ”މި ހާލަތަކީ ދެކެން ބޭނުން ވި ހާލަތެއް ނޫން،“ ކަމަށެވެ. ”އެހެންނަމަވެސް އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ލޮބުވެތި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރަމުން މަރުހަބާ ދަންނަވަން. އަދި ހުޅުދޫ އަދި މީދޫގެ އިދާރީ ވަކި ވުމަކީ އެރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއްކަމަށް އުއްމީދު ކުރަން،“

މީގެ އިތުރުން މޭޔަރު ވިދާޅުވެފައިވަނީ އައްޑޫ ފޭދޫ ރައްޔިތުން ނިންމެވީ ހަރުދަނާ، ދުރުވިސްނޭ ނިންމުމެއް ކަމަށެވެ. އެހެން ކަމުން ހިތުގެ އެންމެ ފުންމިނުން މަރުހަބާ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. ”ތިޔަ ރައްޔިތުން އައްޑޫ ސިޓީގައި ދެމިތިބުމަށް ތިޔަ ނިންމި ނިންމުމަކީ މި އަތޮޅުގެ ތަރައްގީއާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި އަދި އުއްމީދު ކުރެވުނު މުހިންމު ނިންމެވުމެއް. ސިޓީގައި ދެމި ތިބުމަށް، ސިޔާސީ ފިކުރުން އެއްކިބާވެ ފޭދޫ ރައްޔިތުންގެ ތެރެއިން މަސައްކަތް ކޮއްދެއްވި އެއްމެހާ ބޭފުޅުންނަށް ޝުކުރުދަންނަވަން،“

މޭޔަރ ވިދާޅުވެފައިވަނީ  ހުޅުދުއާއި، މީދޫގެ އިދާރީ ވަކިވުމަކީ އެރައްޔިތުންނާއެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫންކަމަށެވެ. މޭރު އެދިވަޑައިގެންފައިވަނީ ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން ކަމަށާއި، ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއެކު ކުރިއަށް ދިއުން ކަމަށެވެ.

”އަޅުގަނޑު އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ރައްޔިތުންނަށް އަރުވާނެ ޔަގީންކަމަކީ އަޅުގަޑު ތިޔަ ލޮބުވެތި ރައްޔިތުންނާއި ދޭތެރޭ އެއްވެސް ތަފާތެއް ނުކުރާނެކަން. އަދި އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކުވެރިކަމާއެކު ތަރައްގީ ލިބިގަތުމަށް ކުރިންވެސް ކުރިހެން މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން“ މޭޔަރ ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ