ނަޞްރުގެ ދުވަހު ސިފައިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

މުހައްމަދު އަލީ
ނޮވެމްބަރ 2, 2025

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފުން ކުރިއަށްގެންދާނޭ ކަމަށް އެތަނުން ވިދޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. ނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.

ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.  މީގެއިތުރުން ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، އެ ދުވަހުގެ ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް  ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގައެވެ.

މި ލިޔުމާ ގުޅޭ