ނުވިސްނައި ތިބެއްޖެނަމަ މިނިވަންކަން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 3, 2025

ނުވިސްނައި ތިބެއްޖެ ކަމަށްވާނަމަ ދިވެހީންގެ އަތްމަތީގައި މިހާރު މިއޮތް އަމިއްލަ މިނިވަންކަން، ހުރިހާ ނަޒަރިއްޔާތަކުންވެސް ނިގުޅައިގަތުމަކީ ދާދި ފަސޭހަ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ”އެހެންވީމާ، މިއަދު އަޅުގަނޑު މައިގަނޑު ގޮތެއްގައި ދަންނަވަން ބޭނުންވާ އެއް ވާހަކައަކީ، ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަޚުރެއް ކަމުގައި އަދި ޒިންމާއެއް ކަމުގައި ދެކިވަޑައިގަންނަވާށޭ، ތިމަންނަގެ ފަރާތުންވެސް މި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތްކަމާއި، އެކަން ކުރެވޭނެކަމާއި، ކުރަންޖެހޭނެކަން،“ އޭރުން މިނިވަންކަން ގެއްލިގެން ނުދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ މިކަމަށްތަކައި ކޮންމެ މީހަކަށް ތަމްރީނާއި ހަތިޔާރެއް ނުދެވޭނޭ ކަމަށެވެ. އެހެންނަމަވެސް، ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް ކަމަށާއި އެއީ އެއީ، اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައިވާ ސިކުނޑިއާއި ވިސްނުން ކަމަށް ވިދާޅުވިއެވެ. ”އެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމް ކަނޑައަޅައި، އެގޮތުގައި ރެޔާއިދުވާލު އެ މީހާގެ ވިސްނުން ބަހައްޓައި، އެ މީހާގެ ހިތުގެއަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަން ކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާހާ ހިނދަކު، މި ޤައުމާމެދުގައި ކަންބޮޑުވާކަށް ނުޖެހޭނެ،“ ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އެބައޮތް ކަމަށާއި އެކަން ނަގާލުމަށް މިޒަމާނުގައި ކަނޑިއާއި ބަޑި ހިފައިގެން ނާންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ދިވެހީންނަކީ ދިވެހިވަންތަކަމާއި، މާތްވެގެންވާ އިސްލާމްދީނަށް އެކަނި ތަބާވެގެން ތިބި ބައެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދިވެހީންގެ އަތުގައި އޮތީ އެހެން އެއްވެސް ޤައުމެއްގައި ނެތްފަދަ ޚާއްސަ ސިފަތަކެއް ކަމަށާއި އެއީ، އެއްދީނެއް ގަބޫލުކުރާ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ”މި އެއްބައެއްވަންތަކަން ނަގާލުމަކީ، މިހާރު ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން އައިސް ކުރާނެ ކަމެއް ނޫން،“ ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ