ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ފުރާނައިން އަގު އަދާކުރެއްވި އެންމެހާ ބަޠަލުންގެ މަތިވެރި ޖިހާދުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ނަސްރުގެ ދުވަހާގުޅިގެން އެކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”މިގައުމުގެ މިނިވަންކަމަށްޓަކައި ފުރާނައިން އަގު އަދާކުރެއްވި އެންމެހާ ބަޠަލުން ކުރެއްވި މަތިވެރި ޖިހާދުން މިއަދު އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންޖެހޭ،“ އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ވަނީ 1988 ވަނައަހަރުގެ ނޮވެމްބަރު ތންވަނަދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވި އެންމެހާ ދިވެހިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވައިފައެވެ. އަދި ފަޚުރުވެރި ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އޭނާ ވަނީ ފޮނުވައިފައެވެ.






