ސިފައިންގެ އަސްކަރީ ބާރުތައް އިތުރުކުރުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކޮށްފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 9, 2025

ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އެގައުމުގެ ސިފައިންގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވާ ގާނޫނުއަސާސީ ގެ އިސްލާހަށް ދެކޮޅު ހަދައި، އެގައުމުގެ އެކި ސިޓީތަކުގައި މުޒާހަރާތައް ފަށާފައެވެ. މި އިސްލާހުގެ ސަބަބުން ސިފައިންގެ ވެރިޔާގެ ބާރުތައް އިތުރުވެ، ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ގާނޫނުއަސާސީގެ 27 ވަނަ އިސްލާހު ގެނައުމުގެ ބިލްގައި ހިމެނެނީ އާ މަގާމެއް ކަމަށްވާ ޗީފް އޮފް ޑިފެންސް ފޯސަސް‘ (ސީޑީއެފް) ގއެ މަގާމު އުފެއްދުމެވެ. މި މަގާމަށް ސިފައިންގެ ވެރިޔާ އާސިމް މުނީރު އައްޔަންކުރެވޭނެއެވެ. މި އިސްލާހުގެ ސަބަބުން އޭނާއަށް އުމުރު ދުވަހަށް ދިފާޢީ ބާރުތަކާއި، ހުރިހާ އަސްކަރީ ގޮފިތަކުގެ މައްޗަށް އަމުރުމައުރޫފް ހިންގަން ބާރު  ލިބިގެންދާނެއެވެ. މި ބިލް ހުށަހެޅުއްވީ ޝެހްބާޒް ޝަރީފްގެ ސަރުކާރުގެ ގާނޫނު ބެލެހެއްޓެވުމާބެހޭ ވަޒީރު އާޒަމް ނާޒިރު ތާރާރެވެ.

މިކަމާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންދަނީ ޤައުމީ ފެންވަރެއްގައެވެ. މީގެ ތެރޭގައި އިސްލާމްއާބާދު، ލާހޯރު، އަދި ކަރާޗީގައި ބޮޑެތި އެއްވުންތައް ވަނީ ބާއްވާފައެވެ. އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ޕީޓީއައި އަދި ޕީކޭއެމްއޭޕީ، ބީއެންޕީ-އެމް، އެސްއައިސީ، އަދި އެމްޑަބްލިއުއެމް ޕާޓީތައް ހިމެނެއެވެ. އިދިކޮޅު ލީޑަރުން ވަނީ މި އިސްލާހަކީ  ”ގާނޫނުއަސާސީގެ ބިންގާ ހީނަރުކޮށްލާނެ ކަމެއް ކަމަށް ބުނެ ނުރައްކަލުގެ އިންޒާރު ދީފައެވެ.

މި އިސްލާހުގައި ހިމެނޭ އެހެން ބައެއް މާއްދާތަކުގެ ސަބަބުން ޝަރުޢީ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ބިލްގައި ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފެއްދުމަށް ހުށަހަޅާފައިވާއިރު، މިއީ ސުޕްރީމް ކޯޓުގެ ބާރުތައް ކުޑަކޮށް، ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ގހުށަހެޅުމެކެވެ. ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ގާނޫނުއަސާސީއާ ގުޅޭ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބާރުތައް ނެތިދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ބިލާ ބެހޭގޮތުން ސެނެޓްގައި މަޝްވަރާތައް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ބިލް ގާނޫނަކަށް ވުމަށްޓަކައި ސެނެޓާއި ނޭޝަނަލް އެސެމްބްލީގެ ދެބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ހޯދަން ޖެހެއެވެ. އޭގެ ފަހުން ރައީސްގެ ތަސްދީގަށް މި ބިލް ހުށަހެޅޭނެއެވެ.

މި ލިޔުމާ ގުޅޭ