ޣައްޒާގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ އާ ހެކި ހުށަހަޅައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 9, 2025

ޣައްޒާގެ ޖެނޮސައިޑްގައި އިޒްރޭލުން ހިންގިކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ އިތުރު ހެކިތަކެއް ލިބިގެން އެ ހެކިތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފިއެވެ.

އިންޓަނޭޝަނަލް ޤާނޫނީ ވަކީލުންގެ ޓީމެއް ކަމަށްވާ، ޢަބްދުލްމަޖީދު މުރާރީ އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާ ޓީމުން ހުށަހެޅުއްވި މި ހެކިތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ފަލަސްޠީނުގެ ޝަހީދުކޮށްފައިވާ މީހުންގެ ހަށިގަނޑު ބަދަލުކުރުމާއި، ނޫސްވެރިންނަށް ގަސްތުގައި ހަމަލާދިނުމުގެ ޖަރީމާގެ ހެކިތަކުގެ މައްޗަށެވެ. މި ހެކިތައް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު، ދަ ހޭގްގައި ހުންނަ އައި.ސީ.ސީ.ގެ މައި މަރުކަޒުގައެވެ.

އައި.ސީ.ސީ.އަށް ހުށަހެޅި ދެ ރަސްމީ ހުށަހެޅުމުގެ ތެރެއިން އެއް ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ އިޒްރޭލުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްޠީނުގެ ގައިދީން ޝަހީދުކޮށް އެމީހުންގެ ހަށިގަނޑު ބަދަލުކޮށް، އެމީހުންގެ ބައެއް ގުނަވަންތައް ވަގަށް ނަގާފައިވާ ކަމުގެ ވާހަކައެވެ.

މި މީހުންގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުރުމާއި، ގުނަވަން ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުތައް ސާބިތުކޮށްދީފައި ވެއެވެ. މިކަން ސާބިތުކުރުމަށް އޮޓޮޕްސީ ރިޕޯޓުތަކާއި، ފޮޓޯތަކާއި، ވީޑިއޯތަކުގެ އިތުރުން 1،240 އަށް ވުރެ ގިނަ މީހުންގެ ހެކިބަސް ހުށަހަޅާފައިވެއެވެ.

އަނެއް ހުށަހެޅުމުގައި ބާރު އަޅާފައިވަނީ ނޫސްވެރިންނަށް ގަސްތުގައި ހަމަލާދީފައިވާ މައްސަލަތަކަށެވެ. މި ހުށަހެޅުމުގައި ނަން ހާމަކޮށްފައިވާ ނޫސްވެރިންނާއި، ޔަހޫދީ ސްނައިޕަރުން ދިން ހަމަލަތަކުގެ ތަފްސީލުތައް ހިމެނެއެވެ.

ޤާނޫނީ ޓީމުން ވަނީ މި ޖަރީމާތަކުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އިޒްރޭލު ސަރުކާރުގެ އޮފިޝަލުންނާއި، ވުޒާރާގެ ވަޒީރުންނާއި، އަސްކަރީ އޮފިސަރުންގެ 25 މީހެއްގެ ނަންތައް ވެސް ކޯޓަށް ހުށަހަޅާފައެވެ.

އައި.ސީ.ސީ.ގެ ޕްރޮސިކިއުޓަރުގެ އޮފީހުން ވަނީ މި ހެކިތައް ލިބުމުން، މިހާރު ކުރިއަށްދާ ތަހުގީގުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ކޯޓުން މިހާރު ދަނީ ހައްޔަރުކުރުމުގެ އަމުރު ނުވަތަ ޤާނޫނީ އެހެން ނިންމުންތަކެއް ނިންމުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިކަންކަން އިއުލާންކުރާނެ ވަގުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ތަހުގީގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ފާހަގަކުރެވެއެވެ. އައި.ސީ.ސީ.ގެ ތަހުގީގު ޓީމުތައް ބެލެކްމެއިލްކޮށް ހުރަސް އެޅުމަށް އެމެރިކާއާއި ޔަހޫދީންގެ ޖެނޮސައިޑް ސަރުކާރުން މަސައްކަތް ކުރެއެވެ. އަދި ވިސާގެ ދަތިކުރުންތަކާއި ސިޔާސީ ފިއްތުންތަކާ އެމީހުންނަށް ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ބައެއް ޔޫރަޕިއަން ޤައުމުތަކުން ހެކިބަސް ނެގުމަށް ޝަރުތުތައް ކަނޑައަޅާފައިވާތީ، ކޯޓުގެ މިނިވަންކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމާ ގުޅޭ