އަނގައިން ނުބައިވަސް ދުވުން: އާންމު ސަބަބުތަކާއި އެކަމުން ސަލާމަތްވާނެ ގޮތްތައް

އިބްރާހީމްް ސަމީރު
ނޮވެމްބަރ 10, 2025

ހެނދުނު ހޭލާއިރު އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ އާންމު ކަމެކެވެ. ގިނަ ފަހަރު މިއީ އެއްވެސް ނުރައްކަލެއް ނެތް، އަދި ހަމައެކަނި އަނގަ ސާފުކޮށްލުމުން ހައްލުވާ މައްސަލައެކެވެ. ނަމަވެސް، ބައެއް ފަހަރު މިކަން ދިގުލައިގެންދާނަމަ، އެއީ އަނގަ ނުވަތަ ހަށިގަނޑުގެ އެހެން ބައެއްގައި ސިއްޙީ މައްސަލައެއް ހުރިކަމުގެ އަލާމާތަކަށް ވެސް ވެދާނެއެވެ. މި މައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކާއި އެކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ތިރީގައި މިވަނީއެވެ.

ހެނދުނު ހޭލާއިރު އަނގައިން ނުބައި ވަސްދުވާ މައިގަނޑު ސަބަބަކީ ނިދާފައި އޮންނައިރު ކުޅު އުފެއްދުން މަދުވުމެވެ. ކުޅަކީ ހަމައެކަނި އަނގަ ތެތްކޮށްދޭ އެއްޗެއް ނޫނެވެ. ކުޅުގައި ހުންނަ ލެކްޓޯފެރިން، ލައިސޯޒައިމް، އަދި އިމިއުނޯގްލޯބިއުލިންސް ފަދަ މާއްދާތަކަކީ ބެކްޓީރިއާ ނައްތާލައި، އަނގަ ސާފުކޮށްދޭ މާއްދާތަކެކެވެ. ނިދީގައި މި ދިފާޢު ބަލިކަށިވުމުން، އަނގައިގައި ހުންނަ ބެކްޓީރިއާ ގިނަވެ، އެ ބެކްޓީރިއާއިން ވަސް އުފައްދާ ގޭސްތައް އާލާކޮށްދެއެވެ.

ހަމައެކަނި ނިދުމާ ނުލައި އަނގައިން ނުބައިވަސް ބޭރުވުން ދިގުދެމިގެންދާނަމަ، އެއީ އެހެން ސިއްޙީ މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމަށް ވެދާނެއެވެ. އޭގެ ތެރޭގައި:

  • ދަތް ހިރުގަނޑުގެ ބަލިތައް: ހިރުގަނޑުގެ ބަލިތަކަކީ އަނގައިން ވަސް ބޭރުވުމުގެ މައިގަނޑު ސަބަބެކެވެ. ކާނާގެ ބައިތައް ހަރުލުމުން ސަލްފަރ އުފައްދާ ބެކްޓީރިއާ ގިނަވެ، ހިރުގަނޑު ދުޅަވެ ހަލާކުވުމުން ވަސް ގަދަވެދާނެއެވެ.
  • އަނގަ ހިކުން: ބައެއް ބޭސްތައް، ޚާއްޞަކޮށް ލޭގެ ޕްރެޝަރަށް ކާ ބޭސްތަކާއި، ޑިޕްރެޝަނަށް ކާ ބޭސްތަކާއި، އެންޓިހިސްޓަމިންސް ފަދަ ބޭސްތަކުގެ ސަބަބުން ކުޅު އުފެއްދުން މަދުވެ، އަނގަ ހިކި، ވަސް އުފައްދާ މާއްދާތައް ގިނަވެއެވެ.
  • ސައިނަސް އަދި ކަރުގެ އިންފެކްޝަން: ސައިނަސް އިންފެކްޝަންގެ ސަބަބުން ނޭފަތުން ފައިބާ އަރިދަފުސް އަދި ދަވަ ކަރު ތެރޭގައި ޖަމާވެ، އެ ދަވައިގެ ސަބަބުން ބެކްޓީރިއާއިން ވަސް ނުކުންނަ ގޭހަށް ބަދަލުކުރުމުން އަނގައިން ވަސްދުވާ ގޮތް މެދުވެރި ވެދެއެވެ. އަދި ޓޮންސިލްގެ ސަބަބުންވެސް މި މައްސަލަ ބޮޑު ވެދެއެވެ.
  • ވައި ހެދުން: ބައެއް މީހުންނަށް ނިދީގައި ބަނޑުން ހެދޭ ވައިގެ ސަބަބުން ކާނާގެ ބައިތައް އަނގައަށް އަރައިގެން ދާގޮތްވެސް މެދުވެރި ވެދާނެވެ.

އަނގައިން ވަސްދުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަން

ހެނދުނު ހޭލާއިރު އަނގައިން ވަސްދުވުމަކީ ކޮންމެ ދުވަހަކުވެސް ދިމާވާ މައްސަލައެއް ނަމަ، އާދަތަކަށް ބަދަލުތަކެއް ގެނައުމުން އެކަން ކުޑަކުރެވިދާނެއެވެ. އެގޮތުން:

  • އަނގަ ސާފުކުރުން: ދަތާއި ދުލުގައި ބުރުސް އުނގުޅައި ރަނގަޅަށް ބުރުސްކޮށް، ދުވާލަކު އެއްފަހަރު ދަތްތައް ސާފުކުރުމަކީ މުހިންމު ކަމެކެވެ. ދުލުގައި ޖަމާވާ ބެކްޓީރިއާ ނައްތާލުމަށް ދޫ ކަހައިގެން ސާފު ކުރެވިދާނެއެވެ.
  • އަބަދުވެސް ފެން ބޮއެ ތަޒާކޮށް އަނގަ ބެހެއްޓުން: ފެން ގިނައިން ބުއިމަކީ އަނގައި ކުޅު ނުހިކި ހުންނަ ގޮތް ހެދުމަށް މުހިންމު ފިޔަވަޅެވެ.
  • އަނގަ ދޮންނަ ޒާތުގެ ބޭހެއް ބޭނުންކުރުން: އަލްކަހޮލް ނުހިމެނޭ ޖަރާސީމު ނައްތާލާ އަނގަ ދޮންނަ ޒާތުގެ ބޭހެއް ބޭނުންކުރުމަކީ ނިދުމުގެ ކުރިން ބެކްޓީރިއާގެ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ.
  • ކެއުމަށް ސަމާލުވުން: ލޮނުމެދު، ފިޔާ ފަދަ ވަސް ގަދަ ކާނާ، ނިދުމާ ގާތްކޮށް ކެއުން މަދުކުރާށެވެ.

ހެނދުނު ހޭލާއިރު އަނގައިން ގަދައަށް ވަސްދުވާނަމަ އަދި މަތީގައިވާ ފިޔަވަޅުތައް އެޅުމުން ވެސް ހައްލު ނުލިބޭނަމަ، ދަތުގެ ޑޮކްޓަރަކާ ނުވަތަ ޑޮކްޓަރަކާ މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ.

މިމައުލޫމާތު ދީފައިވަނި އާންމު ފައިދާއަށް ޓަކައެވެ. މައުލުމާތު ނަގާފައި ވަނީ ސުރީ ލައިފް އިން.

މި ލިޔުމާ ގުޅޭ