އިސްލާމްއާބަދަށް އަހަރުތަކަށް ފަހު ޓެރަރިޒަމްގެ ހަމަލާއެއް

އިބްރާހީމްް ސަމީރު
ނޮވެމްބަރ 12, 2025

އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ކޯޓްތަކުގެ ބޭރުގައި ދިން ޖާނު ގޮއްވާލުމުގެ ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ، 36 މީހުންނަށް އަނިޔާވެފައި ވެއެވެ. މި ހަމަލާގައި ހަތަރު އަންހެނުންނާއި ހަތަރު ފުލުހުން ވެސް ހިމެނެއެވެ. މިއީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ވެރިރަށް އިސްލާމްއާބާދުގައި ދިން ފުރަތަމަ މިފަދަ ޓެރަރިސްޓް ހަމަލާއެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިން މީހާ އައިސްފައިވަނީ އިސްލާމްއާބާދުން ބޭރުންނެވެ. އަދި އޭނާ ދަތުރުކުރި މަގު ހޯދުމަށް އޭއައި ގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ މަނާކޮށްފައިވާ ތެހްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) އިންނެވެ. ބޮމުގައި ގާތްގަނޑަކަށް 4 ކިލޯގެ ބަރުދަން ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ހަމަލާގެ މޭސްތިރިންނަށް އަދަބު ދިނުމަށް ދާޚިލީ ވަޒީރު ވަޢުދުވެފައިވާއިރު، ބޮމުގެ ހަމަލާއަށްފަހު ބޮޑުވަޒީރާއި ރައީސް ގެން ދަވަނީ ހާލަތު މުރާޖަޢާކުރައްވަމުންނެވެ.

މި ހަމަލާ ދިން ވަގުތަކީ އިސްލާމްއާބާދުގައި ބައިނަލްއަޤްވާމީ ގިނަ ހަރަކާތްތަކެއް ކުރިއަށްދިޔަ ވަގުތެކެވެ. އޭގެ ތެރޭގައި އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސާއި 6 ވަނަ މާގައްލާ ޑައިލޮގް ހިމެނެއެވެ. އަދި ޕާކިސްތާނާއި ސްރީލަންކާ އަދި ޒިމްބާބުވޭގެ ތިން ގައުމުގެ ކްރިކެޓް ސީރީޒް ވެސް ކުރިއަށްދިޔައެވެ. މި ހަމަލާ ދިން ދުވަހު ރާވަލްޕިންޑީގައި މެޗެއް ވެސް އޮތެވެ.

ފުލުހުން ބުނި ގޮތުގައި ޖުޑީޝަލް ކޮމްޕްލެކްސްގެ މައި ދޮރޯށި ކައިރީގައި އެކަނި ހުރެ ބޮމުގެ ހަމަލާދިން މީހާ އަމިއްލައަށް ގޮއްވާލީ، އެތެރެއަށް ވަނުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އެކަން ނާކާމިޔާބުވުމުންނެވެ. އެތަނުގައި އެވަގުތު ސަތޭކަޔަށް ވުރެ ގިނަ މީހުންނާއި ވަކީލުން ތިއްބެވެ.

ފުލުހުންގެ އޮފިސަރުން ބުނީ، ތަޙްޤީޤު ކުރާ ފަރާތްތަކުން ވަނީހަމަލާދިން މީހާގެ ކަމަށް ބެލެވޭ މީހެއްގެ މޫނެއްގެ ބައިތައް ހަމަލާދިން ތަނުން ހޯދާފައެވެ. އެ ބައިތައް ވަނީ ތަހުލީލަށް ފޮނުވާފައިވާ ކަމަށާއި، އޭނާގެ މޫނު އަލުން އެއްކޮށް، ނާދްރާގެ އެހީގައި މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާގެ ތަޙްޤީޤުގައި ގިނަ ޓީމުތަކެއް ވަނީ މަސައްކަތް ފަށާފައެވެ. ސޭފް ސިޓީ އިސްލާމްއާބާދު އޮތޯރިޓީގެ ސީސީޓީވީ ފުޓޭޖުތަކާއި ކައިރީގައި ހުރި އިމާރާތްތަކުގެ ފުޓޭޖުތައް ބަލަމުން ދާކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަލާދިން މީހާ ޖުޑީޝަލް ކޮމްޕްލެކްސްއަށް އައި މަގު ހޯދުމަށާއި، އޭނާއަށް އެހީތެރިވި ފަރާތްތައް ދެނެގަތުމަށެވެ. ބަސް ޓާމިނަލްތަކުގެ ފުޓޭޖުތައް ބެލުމާއި ކައިރީގައި ހުރި ހޮޓެލްތައް ޗެކްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދެއެވެ.

މި ލިޔުމާ ގުޅޭ