ގާނޫނުއަސާސީއަށް ގެނައި އިސްލާޙާ ދެކޮޅަށް އިހުތިޖާޖު ކުރާނެ ކަމަށް ބުނެފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 19, 2025

ޕާކިސްތާންގެ ވަކީލުންގެ ޖަމުއިއްޔައިން ވަނީ ކޮންމެ ބުރާސްފައްޗެއްގައިވެސް ކޯޓުގެ މަސައްކަތް ނިންމުމަށްފަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް ބުނެފައެވެ. އެކަން ހާމަކޮށްފައި ވަނީ އިސްލާމްއާބާދުގައި ވަކީލުންގެ ޖަމުއިއްޔާއިން ބޭއްވި ބައްދަލުވުމެއްގައެވެ. މިކަމަށް އެއް ބަޔަކު ތާއީދު ކުރި އިރު އަނެއް ބަޔަކު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި 27 ވަނަ އިސްލާޙުގެ މުހިންމު ބަދަލެއްގެ ގޮތުން، ޗީފް އޮފް ޑިފެންސް ފޯސަސް (ސީޑީއެފް) ގެ ނަމުގައި އާ މަޤާމެއް އުފައްދައި އެ މަޤާމަށް ފީލްޑް މާޝަލް އާސިމް މުނީރު ހަމަޖެއްސުމާއެކު، ސިފައިންގެ ތިން ބާރު ކަމަށްވާ ފައުޖާއި، ނޭވީ އަދި އެއަރ ފޯސްގެ ކޮމާންޑް އެއް އޮފީހެއްގެ ދަށަށް ގެނެސް، އޭނާގެ އަސްކަރީ ބާރު ވަރުގަދަ ކޮށްފައިވެއެވެ.

މި އިސްލާޙުގެ ސަބަބުން އާސިމް މުނީރަށް ދާއިމީ ގޮތަށް ރޭންކު ހަމަޖެހިގެން ގޮސްފައި ވެއެވެ. އަދި ޚާއްސަ އިމްތިޔާޒުތައް ލިބިގެންދާއިރު، އުމުރު ދުވަހަށް އޭނާއާ ދެކޮޅަށް ދަޢުވާ ނުކުރެވޭނެ ގޮތަށް ގާނޫނީ ރައްކާތެރިކަން ލިބިގެންދެއެވެ. ސިޔާސީ މާހިރުންނާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން މިކަމަކީ ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މިއިސްލާޙާއެކު އުމުރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަށްވެސް ގާނޫނީ ފިޔަވަޅެއް ނޭޅޭ ގޮތަށް ފާސްކޮށްފައި ވެއެވެ. މިއިސްލާޙުގެ ދަށުން، ގާނޫނުއަސާސީއާ ގުޅުންހުރި މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެފަދަ މައްސަލަތައް ބެލުމަށް ޚާއްޞަ ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފައްދާފައި ވެއެވެ. މި ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާނީ ރައީސް އޮފީހުންނެވެ. މީގެ އިތުރުން، ޕްރޮވިންސްތަކުގެ މާލީ މިނިވަންކަން ކުޑަކޮށް، ޕްރޮވިންސްތަކަށް އާމްދަނީ ބަހާ އުޞޫލުތަކަށް ބަދަލު ގެނެސްފައިވުމުގެ ސަބަބުން ބަލޫޗިސްތާނާއި ސިންދު ފަދަ ސަރަޙައްދުތަކުގައި ހިތްހަމަނުޖެހުން އިތުރުވެގެން ގޮސްފައި ވެއެވެ.

މިފަދަ އިސްލާޙުތައް މީގެ ކުރިން ތަޢާރަފްކުރި ބައެއް ގައުމުތަކުގެ ތަޖުރިބާތައް ރަނގަޅު ނޫންކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ޗިލީ (1973–1990) ގައި އަސްކަރިއްޔާ އުނދަގޫކޮށް ގާނޫނަށް ހުރަސް އެޅިއިރު، ޕެރޫ (1990 ގެ އަހަރުތައް) ގައި ކޯޓުތަކުން އެގްޒެކެޓިވްއާއި މިލިޓަރީގެ ބާރުގަދަވުމަށް މަގުފަހިކޮށް ދިނެވެ. އަދި ބްރެޒިލް (2019–2022) ގައި މަދަނީ މުއައްސަސާތައް ސިފައިންގެ މުއައްސަސާތަކަށް ބަދަލުކުރުމުން ނިންމުންތައް ނިންމުމުގެ މިނިވަންކަން ގެއްލުނު އިރު، ޒެމްބިއާ (2016) ގައި ރިޔާސީ ކޮންޓްރޯލް ޝަރުޢީ ދާއިރާއާއި ޕާލަމެންޓްގެ މައްޗަށް ފުޅާވެގެން ދިޔައެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ގެނައި މި އިސްލާޙުގެ ސަބަބުން، ޕާކިސްތާނުގެ ބާރުތައް ވަކިކުރުމުގެ ޗެކްސް އެންޑް ބެލެންސްގެ ނިޒާމުގެ އަސާސް ގުޑާލާފައިވާ ކަމަށާއި، ސަރުކާރު ހިންގުމުގެ ތެރެއަށް ސިފައިންގެ ނުފޫޒު އިތުރަށް ވަދެ، އިސްލާޙީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވާނެ ކަމަށް ބެލެވެއެވެ.

 

މި ލިޔުމާ ގުޅޭ