ވޮޝިންޓަން ޕޯސްޓްއިން ކުއްލި ރިޕޯޓެއް އާއްމުކޮށްފިއެވެ. އެ ރިޕޯޓުގައި ބުނާގޮތުން، ޕެންޓަގަނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް ޚާއްޞަ ޕްލޭނެއް ހުށަހަޅައިފިއެވެ. އެ ޕްލޭނަކީ ޓުރަމްޕް އަމިއްލައަށް އެދިގެން ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ. އަދި އެ ޕްލޭނުގެ ނަމަކީ ”ރިސްކީ ކޮމާންޑޯ ޕްލޭން ޓު ސީކް އިރާންސް ޔުރޭނިއަމް“ އެވެ. ޔަޢުނީ، ކޮމާންޑޯއިން ފޮނުވައިގެން އީރާނުގެ ޔުރޭނިއަމް ފޭރިގަންނާނެ ގޮތުގެ ނުރައްކާތެރި ޕްލޭނެވެ. އެ ޕްލޭނުގައި ވަނީ ކޮން އެއްޗެއް ހެއްޔެވެ؟
އެ ޕްލޭނުގައި، އީރާނުން މަތީދަރަޖައަކަށް މުއްސަނދި ކޮށްފައިވާ 238.03 ކިލޯގެ ނުވަތަ 1000 ޕައުންޑުގެ ޔުރޭނިއަމްގެ ވާހަކަ އެބައޮތެވެ. އީރާނުގެ ބިމުގެ ކޮންމެވެސް ހިސާބެއްގެ 300 ފޫޓް އަޑީގައި، އިސްފަހާނާއި އަދި ނަތަލް ނިއުކުލިއަރ ފެސިލިޓީގެ ތެރޭގައެވެ. އެމެރިކާއިން ބޭނުންވަނީ، އެ ޔުރޭނިއަމް އެތަނުން ނަގައިގެން، އީރާނުން ބޭރަށް ގެންދާށެވެ. އެކަމަކު، އަސްލު ވާހަކައަކީ މިއެއް ނޫނެވެ. އަސްލު ވާހަކައަކީ، އެ ޔުރޭނިއަމް އީރާނުން ބޭރަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު، ތިބާއަށް އަޑު އިވުމުން ހައިރާންވެ އަންތަރީސް ވާނެއެވެ.
ޕެންޓަގަންގެ ޕްލޭނުގައި، ހަތް ފިޔަވަޅެއްގެ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. ޚާލިދު އަލް މަންސޫރީއަކީ އަަސްކަރީ މުޙައްލިލެކެވެ. އޭނާ ވަނީ، އެ ހަތް ފިޔަވަޅު ވަރަށް ރަނގަޅަށް ތަޙުލީލުކޮށް ބަޔާންކޮށް ދީފައެވެ.
ފުރަތަމަ ފިޔަވަޅަކީ އީރާނުގެ ބިމަށް ސިފައިން ބޭލުމެވެ. އެންމެ ފުރަތަމަ ކަމަކަށް އޮތީ، ސަތޭކަ ނުވަތަ ހާހެއްހާ ސިފައިން، ދުޝްމަނުންގެ ސަރަޙައްދަށް ވައިގެ އެހީގައި ގެންދިއުމެވެ. އަދި އެއަށްފަހު، އެމީހުން ވައިކުޑައިގެ އެހީގައި އީރާނުގެ ބިމަށް ބޭލުމެވެ.
ދެވަނަ ފިޔަވަޅަކީ، އެމެރިކާގެ 82 ވަނަ އެއަރބޯން ޑިވިޝަނުގެ އަސްކަރީ ސިފައިން އީރާނުގެ ބިމަށް ފޮނުވުމެވެ. 82 ވަނަ އެއަރބޯން ޑިވިޝަނަކީ ކޮން ބައެއް ހެއްޔެވެ؟ 82 ވަނަ އެއަރބޯން ޑިވިޝަނަކީ އެމެރިކާގެ އެންމެ އެލީޓް ޕެރަމިލިޓަރީ ޔުނިޓެވެ. އެމީހުން އީރާނުގެ ބިމަށް ފައިބާނީ ވައިކުޑައިގެ އެހީގައެވެ. އަދި އެމީހުން ފޭބުމަށްފަހު، އެ ސަރަޙައްދު އެމީހުންގެ ބާރުގެ ދަށަށް ގެންނާނެއެވެ. މާނައަކީ، އީރާނުގެ ޔުރޭނިއަމް ހުރި ކަމަށް ބުނާ ސަރަޙައްދު އެމީހުންގެ ބާރުގެ ދަށަށް ގެނެވުނީއެވެ.
އެކަމަކު، އެވަގުތު ކަންތައްތައް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟ ޚާލިދު އަލް މަންސޫރީ ބުނާގޮތުން، އެވަގުތު އީރާނުގެ ސިފައިންނާއި އަދި ރައްޔިތުން ގެންދާނީ އެމެރިކާ ސިފައިންނަށް ބަޑިއާއި، އަދި އެހެނިހެން ހަތިޔާރުން ޙަމަލާ ދެމުންނެވެ. މާނައަކީ އެވަރުގެ ބޮޑު ހިރާސްއެއް، އެމެރިކާ ސިފައިންނަށް ކުރިމަތި ވެދާނެއެވެ.
ތިންވަނަ ފިޔަވަޅަށް ބަލާއިރު، އެ ސަރަޙައްދުގައި ރަންވޭއެއް އަޅަން އެމެރިކާ ސިފައިންނަށް ޖެހޭނެއެވެ. ސަބަބަކީ އީރާނުގެ އެ ހިސާބުގަނޑުގެ އެއްވެސް ތަނެއްގައި ރަންވޭއެއް ނެތެވެ. ވީމާ ސުމަކުން ފައްޓައިގެން އެމެރިކާ ސިފައިންނަށް ޖެހޭނީ އެތަނުގައި ބޮޑު ރަންވޭއެއް އަޅާށެވެ. ސަބަބަކީ، އެ ހިސާބުން ޔުރޭނިއަމް ވަގަށް ނަގައިގެން ލޮރީތަކަށް ބަރުކޮށްގެން އީރާނުގެ ތެރެއިން ގެންދިއުމަކީ މުސްތަހީލު ކަމެކެވެ. ދެން އެމެރިކާ ސިފައިން، ޔުރޭނިއަމް ހިފައިގެން ދާނީ ކިހިނެއް ހެއްޔެވެ؟ ވީމާ، އެތަނުން ޔުރޭނިއަމް ގެންދަން ޖެހޭނީ ވައިގެ މަގުންނެވެ. އެހިސާބު ގަނޑަކު، ރަންވޭއެއް ނެތެވެ. އެހެންކަމުން، އެމެރިކާ ސިފައިންނަށް ޖެހޭނީ ރަންވޭއެއް އަޅާށެވެ. އޭރުން، ކާގޯ މަތިންދާ ބޯޓެއް އެތަނަށް ޖައްސައި، ޔުރޭނިއަމް ހިފައިގެން އެތަނުން ފުރައިގެން ދެވޭނެއެވެ.
ހަތަރުވަނަ ފިޔަވަޅަކީ ބިން ކޮންނާނެ ވެހިކަލްތަކާއި، އިކްއިޕްމެންޓްސްއާއި، އަދި އެހެނިހެން އާލާތްތައް ގެންނަން ޖެހޭނެއެވެ. ސަބަބަކީ، ބިމުގެ 300 ފޫޓް އަޑިއަށް، އާދެ، ހިލަ ފަރުބަދަތަކުގެ އަޑިއަށް ދާން ބޭނުންވާއިރު، ބޮން އަޅައިގެން އެކަނި އެކަމެއް ނުވާނެއެވެ. ބަރު މެޝިނަރީތައް ގެންނަން ޖެހޭނެއެވެ. 300 ފޫޓް އަޑިއަށް ކޮންނަން ޖެހޭނެއެވެ. ކިތަންމެ ވަރަކަށްވެސް ބަންކަރުތައް ގޮއްވާލާ ބޮން އެޅިދާނެއެވެ. އެކަމަކު، އެތަން ސާފުކޮށް ބިމުގެ 300 ފޫޓް އަޑިއަށް ފައިބައި، ޔުރޭނިއަމް ހޯދަން ޖެހޭނެއެވެ. އެއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެކެވެ.
ފަސްވަނަ ފިޔަވަޅަކީ އެމެރިކާ ސިފައިން އެތަނަށް ފައިބަން ޖެހޭނީ ހަޒުމަތު ސޫޓް ލައިގެންނެވެ. ހަޒުމަތު ސޫޓަކީ ކޮން އެއްޗެއް ހެއްޔެވެ؟ ރޭޑިއޭޝަނުން ޙިމާޔަތްކޮށްދޭ ސޫޓްލައިގެން މެނުވީ އެކަމަށް ޚާއްސަ ސިފައިންނަކަށް ވެސް، އެތަނަކަށް ނުފޭބޭނޭއެވެ. ހަމަތިބެފައި، އެތަނަކަށް ނުފޭބޭނެއެވެ. އަދި އެއާއެކު، ރޭޑިއޯއެކްޓިވް މާއްދާތަކުން ރައްކާތެރިކޮށްދޭ ހުރިހާ އެއްޗެއް ލާން ޖެހޭނެއެވެ. އަދި އެކަމަށް ޚާއްސަ އާލާތްތައް ހޯދަންޖެހޭނެއެވެ. އެވަރުގެ ރައްކާތެރި ހެދުން އަޅައިގެން އެތަނަށް ފޭބުމުން، ޔުރޭނިއަމް ހޯދުމުގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް ދަށްވާނެއެވެ.
ހަވަނަ ފިޔަވަޅަކީ ”ބޫބީ ޓްރެޕްސް“ ޗެކްކޮށް ބަލަން ޖެހޭނެއެވެ. ހުރިހާ ކޮންޓެއިނަރތަކެއް ޗެކްކޮށް ބަލަން ޖެހޭނެއެވެ. އީރާނުންވެސް ރައްކާތެރި ކަމުގެ ކިތަންމެ ފިޔަވަޅުތަކެއް ވާނީ އަޅާފައެވެ. އީރާނަކުންވެސް 1000 ޕައުންޑުގެ ޔުރޭނިއަމް އެއްތަނެއްގައި ނުބަހައްޓާނެއެވެ. ކޮންމެވެސް ކޮންޓެއިނަރެއްގައި، ބޮމެއް އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އީރާނުން އެތަނުގައި ނަކަލީ ކޮންޓެއިނަރުވެސް ބަހައްޓާފައި ހުރެދާނެއެވެ. އަދި، ކިތަންމެ ދަންތުރައެއްވެސް އީރާނުން އެތަނުގައި ޖަހާފައި ހުރެދާނެއެވެ. ވީމާ، އެތަނުން ޔުރޭނިއަމް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.
ހަތްވަނަ ފިޔަވަޅަކީ، ހުރިހާ އެއްޗެއް ޑީކޮންޓަމިނޭޓް ކުރަން، އެމެރިކާ ސިފައިންނަށް ޖެހޭނެއެވެ. ހުރިހާ ޔުރޭނިއަމް އަކީވެސް ރޭޑިއޯއެކްޓިވް އެއްޗެކެވެ. އޭގެތެރޭގައި އެޓޮމިކް މާއްދާތައް ހިމެނޭނެއެވެ. އޭގެ ސަބަބުން އެމެރިކާ ސިފައިންގެ ފުރާނައަށް ނުރައްކާ ވެދާނެއެވެ. އަދި، ފަހަރެއްގައި ކިތަންމެ ބަޔަކު މަރުވެސް ވެދާނެއެވެ. ވީމާ، އެ ހުރިހާ ރޭޑިއޯއެކްޓިވް މާއްދާތަކެއް ސާފުކުރަން ޖެހޭނެއެވެ. އެއަށްފަހު ނޫނީ، އެ އެއްޗެހި އެތަނުން ބޭރަކަށް ނުގެންދެވޭނެއެވެ. އެކަމަށް ކިހާ ވަގުތެއް ބޭނުންވާނެ ހެއްޔެވެ؟ އޭގެ ވަގުތު ރޮނގު ނުވަތަ ޓައިމްލައިނަކީ ކޮބާ ހެއްޔެވެ؟ އެކަމަށް ހަފްތާތަކެއް ނުވަތަ މަސްތަކެއް ބޭނުން ވާނެއެވެ. އަދި އެ ހުރިހާ ކަމެއް، އެހާ ފަސޭހައިން ވެދާނެކަމަށް ހީކޮށްގެން ނުވާނެއެވެ. އެމެރިކާ ސިފައިން ތިބޭނީ މެދުނުކެނޑި، އީރާނުގެ ޙަމަލާތަކުގެ އަމާޒަކަށް ވެފައެވެ. އީރާނުގެ ރައްޔިތުންނާއި އަދި އީރާނުގެ އަސްކަރިއްޔާގެ ހުރިހާ ބާރެއް ވާނީ، އެ ވަގުތު އެތަނަށް ޖަމާކޮށްފައެވެ. އަދި އެމެރިކާގެ ހާހެއްހާ ސިފައިންނަށް ޖެހޭނީ، އީރާނުގެ ބާރުގަދަ އަސްކަރިއްޔާގެ ކުރިމަތީގައި، އެމީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާށެވެ. ވީމާ، ހޭލާ ހުރެގެން ހުވަފެން ދުށުން ހުއްޓާލުން ނޫން ގޮތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަކަށް މިވަގުތު ނެތެވެ.






