އެމްއެންޑީއެފްގެ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

މުހައްމަދު އަލީ
ނޮވެމްބަރ 23, 2025

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް ”ޖައްރާފާ“ ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
”މި އެކްސަސައިޒަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. އެގޮތުން މި އެކްސަސައިޒް ކުރިއަށްގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި، ސްޓޭންޑަޑް އޮޕަރޭޝަން ޕްލޭތަކާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް އަދި އިންޓަރ-އެޖެންސީ ކޯޑިނޭޝަން އެންމެ ރަނގަޅަށް ކުރިއަށްގެންދެވޭތޯ ބެލުން ހިމެނެއެވެ.“
ކަޅުތުއްކަލާކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސަސައިޒް ފަށްޓަވައިދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ނޮވެންބަރު 23އިން 24އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މި އެކްސަސައިޒްގެ ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ.  އެ ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް ފަރިތަކުރާނެއެވެ.
މި އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ