އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިޔަސް އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނޭ ކަމަށް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
”ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ތި ބޭފުޅުންނާ އެކު އަޅުގަނޑު ދެމިހުންނާނަމެވެ.“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ ”އެ މަގާމުގައި އަޅުގަނޑު ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހިތްވަރުގަދަ އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.“
އެމްޑީޕީއަކީ އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީ ކަމަށާއި، އެފަދަ ޕާޓީއެއްގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ މުޅި ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.






