ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ކުރަން ދެވަނަ ދައުރެއް ބޭނުން: އިސްމާއީލް

މުހައްމަދު އަލީ
ނޮވެމްބަރ 26, 2025

ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ފުވައްމުލައް ސިޓީގެ މޭޔަރަށް ވުމުގެ ފުރުސަތު ފުވައްމުލަކު ރައްޔިތުން އަޅުގަނޑަށް ދެއްވުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފް. މިދިޔަ ހަތަރުވަރަކަށް އަހަރުތެރޭ ކައުންސިލް ހިންގުން ހަރުދަނާކުރުމަށާއި އަދި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،“ އިސްމާއީލް ވިދާޅުވެފައިވެއެވެ.

އޭނާ ފަށައިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުން ދެވަނަ ދައުރެއް ދެއްވުން އެދި އޭނާ ވިދާޅުވެފައިވަނީ މިހާތަނަށް ވަނީ ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައި، މައިކްރޯ ފައިނޭންސް ސްކީމެއް ފަށައިފައި ކަމަށެވެ. އޭގެ އިތުރުން  ”ގްރާންޓް އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކާ އިޝްތިހާރުކުރުމަށް ފުރުސަތުތައް ހުޅުވިގެންދިޔަ. ފުވައްމުލައް އިޝްތިހާރުކުރުމަށް ބޭރުގެ ފެއަރތަކުގައި ބައިވެރިވެ، ޑިސްކަވާ ފުވައްމުލައް ވެބްސައިޓް ވަނީ ހިންގަން ފެށިފައި،“

އޭނާގެ މޭޔަރު ކަމުގެ ދަށުން ވަނީ ދީނީހޭލުންތެރިކަން އިތުރުކުރަން ގިނަ ޕްރޮގްރާމްތައް ހިންގާފައެވެ. އެގޮތުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ ނަމާދަށް އަހުލުވެރިކުރުމަށް ނަމާދު ޕްރޮގްރާމް ކުރިއަށްދޭ. މިސްކިތްތަށް މަރާމާތުކޮށް ބަލަހައްޓަން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރެވޭ،“ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމުކޮށް، މުބާރާތްތައް ބާއްވާ އަދި ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ހިތްހަމަ ޖައްސާލަން ޕާކުތަކާއި ފަތާފެންގަނޑުތަކާއި ފަންނުތައް ދަނީ ތަރައްގީވަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މުނިފޫހި ފިލުވުމަށާއި އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ފެސްޓިވަލްތަކާއި ކާނިވާތައް ބާއްވަންވަނީ ފެށިފައި ކަމަށް ވެސް ވިދާޅުވިއެވެ.

”އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުން އަދި ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ގިނަ ބަދަލްތަކެއް ވަނީ ގެނެވިފައި. މިގޮތުން ކައުންސިލުން ޚިދުމަތް ހޯދާ މުއާމަލާތް ކުރުމަށް އޮންލައިން ވަސީލަތްތަށް ތަރައްގީކުރުމާއި ކަސްޓަމަރ ފްރޮންޓް އޮފީސް ގާއިމުކުރުން ހިމެނޭ.

ސަރުކާރަކާއި ގުޅިގެން، އެއްބާރުލުންދީގެން ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މަގުފަހިކޮށްދޭން އަބަދުވެސް ގުޅިގެން މަސައްކަތްކުރެވޭ،“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފާއިތުވި ހަތަރުވަރަކަށް އަހަރު އިސްމާއީލް ވަނީ ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް އެފަރާތްތަކުން އެހީތައް ހޯދުމުގެ މަސައްކަތްކުރައްވައި އެހީ ލިބޭނޭގޮތް ހައްދަވައިފައެވެ. އެގޮތުން ކުނީގެ މައްސަލައަށް ހައްލުހޯދުމަށާއި، ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓަރ ސިސްޓަމްތައް ހޯދައިދިނުމަށް އެހީތައް ލިބިފައިވެއެވެ. އަދި ބައިނަލް އަގުވާމީ އެކި އެކި ކޮންފަރަންސްތަކާއި ފޯރަމްތަކުގައިވެސް ފުވައްމުލަކުގެ ވާހަކަ ހިއްސާކުރެވޭނެ ގިނަ ފުރުސަތުތައް މިހާރުވެސް ލިބެމުންދާ ކަމަށް މޭޔަރު އިސްމާއީލް ވިދާޅުވެފައިވެއެވެ. ”މިކަންކަން ކާމިޔާބު ކަމާއިއެކު ކުރިއަށް މިގެންދެވެނީ ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުން އަދި ކައުންސިލްގެ ހީވާގި މުއައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންކަންވެސް ފާހަގަކޮށްލަން،“

”އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލްކުރަން ބޭނުންވާ ކަންކަންކޮށް އަދި ނިމުނީއެއްނޫން. ފެށިފައި ހުރިކަންތައްތައް ހަރުދަނާގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައިހުރި އިތުރުކަންކަން ފަށާ އެކަންކަން ކުރިއަށްގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ،“ އިސްމާއިލް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ސިޓީގެ ރައްޔިތުންނަށް އިތުރަށް ޚިދުމަތްކޮށްދިނުމުގެ އިޚްލާސްތެރި ނިޔަތާއެކު 2026 ވަނައަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން ނިންމައިފި ކަމަށް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ