ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އަނިޔާވި ސްޓެލްކޯ މުވައްޒަފަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
މި ހާދިސާއެއްގައި މިއަދު އެމީހާގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާ ވަނީ ލިބިފައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މިހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭޑީކޭއަށް ބަދަލުކުރީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައެވެ.
”މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މި ދަނީ މަސައްކަތް ކުރަމުންނެވެ.“ ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް އެކުންފުނީން މިހާރު ދަނީ ކުރަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”ހަމަ މިއާއިއެކު މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުންނެވެ.“






