ދިވެހި ފިރިހެނަކާއި، ބިދޭސީ އަންހެއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ހަށިވިއްކަމުންދިޔަ ގޭންގެއް އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ މި މީހުން އަތުލައިގަތީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ލިބުނު މައުލޫމާތުގެ ތެރޭގައި ހަށިވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރުންް ހިމެނޭ ކަމަށްފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު އެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. މި މީހުން އަތުލައިގެންފައިވަނީ އެ އެޕާޓުމެންޓުންނެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މިކަމުގައި އިސްކޮށް އުޅުނު ދިވެހި މީހާކަމަށްވާ، ރ. ރަސްގެތީމު/ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ. މީގެ ތެރެއިން ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮއުޅުނު ބިދޭސީ އަންހެން މީހާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި 5 މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެއެޕާރޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުރެ އެމެރިކާ ޑޮލަރާއި 18،000 އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






