ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަނުކުރަން ފާސްކުރީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށެވެ. ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ދާދި ފަހުން ގުޅިވަޑައިގެންނެވި މަހުލޫފަށް ރުހުން ދޭން ފެންނަ ކަމަށް 60 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ނިމިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ފަލަސްތީނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އައްޔަނުކުރަން 62 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އަދި އުރުދުންގެ ސަފީރުކަމަށް، އެ މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހަމަޖެއްސުމަށް 63 މެންބަރުން ވޯޓު ދެއްވިއެވެ. މި ދެ ބޭފުޅުންނަކީ ވެސް ފޮރިން މިނިސްޓްރީގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.






