ޖަނަވާރުގެ ރައްކާތެރިކަމާ ބެހޭ ޤާނޫނު،ތަސްދީޤުކުރައްވައިފި

މުހައްމަދު އަލީ
ޑިސެމްބަރ 3, 2025

”ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު“ ރައީސް ޑރ. މުހައްމަދު މުއިއްޒި މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއީ 19 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިއީއެގާރަ ބާބުގެ މައްޗަށް އެކުލެވިގެންވާ ބިލެކެވެ. މި ބިލުގައި، ދިވެހިރާއްޖޭގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައްޔާއި، ބެލެހެއްޓުމުގައާއި ޖަނަވާރުގެ ޞިއްޙަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި ޖަނަވާރުގެ ޛަރީއާއިން އިންސާނުނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ދިވެހިރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރައްވައިފައިވެއެވެ.

”މި ޤާނޫނު އެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ޤާނޫނު ތަންފީޛުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތަކީ، ޖަނަވާރުގެ ޞިއްޙަތާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު، އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއެވެ. މިގޮތުން މި ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތަފްޞީލީ ގޮތެއްގައި، މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.“

މީގެ އިތުރުން މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކުށްތަކާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

 

 

މި ލިޔުމާ ގުޅޭ