އިނގިރޭސިވިލާތުގެ ލަންކަޝަޔަރގެ އޮސްވަލްޑްޓްވިސްޓްލްގައި، އެ ގައުމުގެ އެންމެ ބޮޑު މުސްލިމު ގަބުރުސްތާން ބިނާކުރުމަށް މުސްލިމު ދެ ބިލިއަނަރު އަޚުން ކަމަށްވާ މުޙްސިން އަދި ޒުބައިރު ޢީސާގެ ފަރާތުން ހުށަހެޅި މަޝްރޫޢު ވަނީ ބޮޑު ދެބަސްވުމަކަށް ބަދަލު ވެފައެވެ. 45 އޭކަރުގެ ބިމެއްގައި 12,250 މަހާނައިގެ ޖާގައިގެ ވަޅުލާނެ ތަން ހިމެނޭ މި މަޝްރޫޢުއަށް، ތިމާވެށީގެ މީހުންނާއި ޖަމާއަތުގެ މީހުން ދެކޮޅު ހެދުމުގެ ސަބަބުން، ދެ ފަހަރެއްގެ މަތިން ލޯކަލް ކައުންސިލުން ވަނީ މި ކަމަށް ހުއްދަ ނުދީފައެވެ.
އަސްޑާ ގެ ވެރިން ކަމަށްވާ ޢީސާ އަޚުންގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި ހިމެނެނީ ’ދަ މެމޯރިއަލް ގާޑަން ’ގެ ނަމުގައި 12,250 މަހާނައިގެ ގަބުރުސްތާނެއް ހަދާށެވެ. އެތާގައި ހިނަވާ ގެއަކާއި ކަށު ނަމާދުކުރާ މާލަމެއް ހިމެނޭނެއެވެ. މި ގަބުރުސްތާނަކީ މިހާރު ޔޫކޭގެ ހުރި އެންމެ ބޮޑު މުސްލިމު ގަބުރުސްތާން ކަމަށްވާ ’ގާޑަންސް އޮފް ޕީސް‘ އަށް ވުރެ ބޮޑު ގަބުރުސްތާނެކެވެ. ނަމަވެސް، 2024 ވަނަ އަހަރު ހައިންޑްބާން ބޮރޯ ކައުންސިލުން ވަނީ މި ޕްރޮޕޯސަލްއަށް ނޫނެކޭ ބުނެފައެވެ. އެ ވެެރިން ބުނެފައި ވަނީ އެއީ، އެއީ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، ޚާއްޞަކޮށް ރައްކާތެރިކުރެވިފައިވާ ގަސްތަކަށް ގެއްލުން ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން، ފެން ފަށަލަ ތަޣައްޔަރު ވުމުގެ ނުރައްކާ އޮތް ކަމަށް ބުނެ އުޒުރު ދެއްކިއެވެ.

މި މަޝްރޫޢަށް ދެކޮޅު ހެދުމުގައި އެ ސަރަޙައްދުގައި ގިނަ ރައްޔިތުން ބައިވެރިވެފައިވެއެވެ. އެމީހުން ވަނީ ’ގަބުރުސްތާނަށް ނޫނެކޭ ބުނާ‘ ގްރޫޕެއް ވެސް އުފައްދާފައެވެ.
ކައުންސިލަރު ޒާކް ޚާން އަދި އެކްޓިވިސްޓް ވައިނެޓް ޑޭވިޓް ފަދަ ފަރާތްތަކުން ވަނީ މި ބިން ގުދުރަތީ ރިޒާވްއަކަށް ބަދަލުކުރުމުގެ ޚިޔާލު ހުށަހަޅާފައެވެ. ނަމަވެސް، ޢީސާ ފައުންޑޭޝަނުން ބުނަނީ ގަބުރުސްތާނުގެ ޕްލޭނަކީ ތިމާވެށީގެ ގޮތުންނާއި ކޮމިއުނިޓީއަށް ފައިދާހުރި ކަމެއް ކަމަށާއި، އަދި އެއިން ބިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. 






