ގަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އަލީ
ޑިސެމްބަރ 7, 2025

ގަވާއިދާ ޚިލާފަށް ރ. އަލިފުށީގައި އުޅެމުން ގެންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ފުލުހުން ގުޅިގެން ޚާއްސަ މަސައްކަތެއް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއީ ޑިސެންބަރު އެކަކުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން ގަވާއިދާ ޚަލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހިއުމަން ޓްރެފިކިންގ އާއި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

މިމަސައްކަތުން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވެއެވެ. އޭގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ޚިލާފަށް އުޅެމުންދާ 3 ބިދޭސީއަކު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ