ޝާހީ ގުންޒަރަކާއި ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ހަވާލުކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 8, 2025

ޝާހީ ގުންޒަރަކާއި ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ޕޮލިޓެކްނިކްގެ ފަރާތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލު ކުރައްވައިފިއެވެ.

މިއީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކުރެއްވި ދިވެހި ތަރިކައިގެ ބައެއް ނަކަލު ތަކެކެވެ.

މިތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕޮލިޓެކްނިކްގައެވެ. އެ މިނިސްޓްރީއާ މި ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރެވެ.

ގުރުޒުގެ ނަކަލު ތައްޔާރުކުރެއްވީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީންނެވެ. ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރެއްވީ އެ އިދާރާގެ ފެޝަން ޑިޒައިނިންގ ފެކަލްޓީންނެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ މަރުކަޒަށް ހުށަހެޅުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

”އަޅުގަނޑުމެން މި މަސައްކަތް ކޮށްފައިވާނީ އަސްލު ހެދުންކޮޅާއި އަސްލު ގުރުޒާ އެންމެ ގާތްކުރާގޮތަށް. އަޅުގަނޑުމެންނަށް މިކަހަލަ ފުރުސަތެއް ފުރަތަމަ ފަހަރަށް ލިބުނީމާ ވުޒާރާއިން ބޭނުންވާ ފެންވަރަށް މިމަސައްކަތް ކުރެވުނުކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މިފުރުސަތު ދެއްވީތީ، ވަޒީރު އަދި ވުޒާރާގެ ޓީމަށް ޝުކުރު ދަންނަވަން،“

ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ޕޮލިޓެކްނިކާ ހަވާލުކުރެއްވީ އެފަދަ މަސައްކަތެއް ކުރުމަކީ އެ ކަމުގެ ހުނަރާއި ފަންނާ އަދި ތަޖުރިބާ ހުރި ބަޔަކަށް ނޫނީ ނުކުރެވޭނެ މަސައްކަތަކަށް ނުވާތީ ކަމަށެވެ.

ޝާކިރު ވިދާޅުވީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކުރައްވައިގެން ނަމޫނާ ތައްޔާރުކުރައްވާފައިވަނީ އަސްލާ ވަރަށް އެއްގޮތް ގޮތަކަށް އަދި އެހާމެ ކަވި، ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ.

މި ލިޔުމާ ގުޅޭ