ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރުން ”ވައިޓޭޖް“ މެތަޑަށް ބަދަލުކޮށް ބޯޑް ޗެއަރ އާއި، މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު އިސްލާހުކޮށްފި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) ގެ ބޯޑުން ވިދާޅުވެއްޖެއެވެ.
މި އުސޫލު އިސްލާހުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ބޭއްވި ޕީ.ސީބީ ބޯޑު މެންބަރުންގެ ބައްދަލުވުމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޕީސީބީން ބުރާސްފަތި ދުވަހު ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ، ވަކި ޝަރުތެއް ފުރިހަމަނުވުމުން ކުރިން ގިންތި ބަދަލުނުވެ އޮތްއޮތުން ނިމުމަކަށް ގެނައުމަށް އިންސާފުވެރި ގޮތެއްގައި ގިންތިކުރެވޭ ”ވައިޓޭޖް“ މެތަޑަކަށް ދާން ނިންމީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމުގައި ވަކި ޝަރުތެއް ފުރިހަމަނުވުމުން ގިންތި ބަދަލުނުވެ އޮންނަ އުސޫލު ނިމުމަމަކަށް ގެނައުމަށް ކަމަށެވެ.
ޕީސީބީ ވިދާޅުވެފައިވަނީ އެ އުސޫލާ އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވާސިލްވުމަށް ކަންކަން ފަހިކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން 2026ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މި ޑިސެންބަރު މަހުގެ 31 ގެ ކުރިން އެ ބޯޑަށް ހިއްސާކުރުމަށް އެދޭކަމަށް ވިދާޅުވެފައިވެއެވެ. އަދި އެއްވެސް ސަބަބަކާހުރެ އެ އަމާޒު އެމުއްދަތުގައި ކަނޑަނޭޅިއްޖެނަމަ ލަސްވެގެން 15 ޖެނުއަރީ 2026ގެ ކުރިން އެ ބޯޑަށް ޓާގެޓްތައް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
މީގެ އތުރަށް ކުރިއަށްއޮތް އަހަރުތަކުގައި ޓާގެޓް ކަނޑައަޅާނެ ގޮތާއި ކުންފުނިތަކުން އަމާޒު ކަނޑައަޅުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް މިޑް ޓާމް ޓާގެޓް ރިވިޝަން ކުރެވޭނެ ފަސޭހަގޮތްތައް އެ އުސޫލައް އިތުރުކުރެވި، އަދި އެ އުސޫލު ހަރުދަނާ ކުރުމަށް އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތައް އުސޫލަށް އިތުރުކޮށްފައިވާނެ ކަމަށް ޕީސީބީ އިން ވަނީ ވިދާޅުވެފައެވެ.
އެތަނުން ވިދާޅުވެފައިވަނީ ކުންފުނިތައް ގިންތިކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު މެނޭޖިން ޑިރެކްޓަރ ފިޔަވައި އެހެނިހެން އެގްޒެކެޓިވް ސްޓާފުންގެ އަސާސީ މުސާރަ އާއި ޕާރފޯމެންސް އެލަވަންސްތައް ވާނީ އުނިކޮށްފައި ކަމަށެވެ.
އަދި އެ މަޤާމްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ކުންފުނީގެ އޮނިގަނޑާއި އެއްގޮތަށް ކުންފުނީގެ ބޯޑުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މުސާރައިގެ އޮނިގަނޑު ބަދަލުކުރަން ޖެހިއްޖެނަމަ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ލިސްޓް ނުކުރާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑއަޅަންވާނީ ޕީސީބީ ގެ ގައިޑްލައިނާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެ ނޫން ކުންފުނިތަކުން އެ ކުންފުންޏެއްގެ އުސޫލާ އެއްގޮތްވާ ގޮތަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް އެގްޒެކެޓިވް މުވައްޒަފަކު ސަރުކާރުން ބޯޑް މެންބަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާނަމަ ބޯޑް ޑިރެކްޓަރުންގެ އިނާޔަތުގެ ގޮތުގައި އުސޫލުގައި ކަނޑައަޅާއިވާ އުސޫލާ އެއްގޮތަށް ދޭންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޕީސީބީ އިން ވިދާޅުވެފައިވަނީ އެ ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމްކަމެއް ކަމަށެވެ.






