ބޮޑުކަންނެލީގެ މަސްވެރިން މާލެކައިރީގައި މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ތިންމީހަކު ވެސް މިއަދުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ ކަމަށް ފުލުހުން ވިދާޅިއެވެ.
މީގެ އިތުރުން މި އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަމަށްބުނެ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި އިމިގްރޭޝަނާ ގުޅިގެން މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައެވެ.






